ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރްއައި ގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.
އެކަމަށްޓަކައި މިއަދު އެހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލަކީ ޚިދުމަތްތައް ރަނގަޅުކުރަން ޖެހޭ، އަދި ސިއްހީ ދާއިރާ އިން އެންމެ އިސްކަންދޭން ޖެހޭ އެއް ހޮސްޕިޓަލު ކަމަށާއި، ހުޅުމާލެއަކީ ވަރަށް ގިނަ މީހުން ދިރިއުޅޭ، އަދި ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ އަވަށެއް ކަމަށް ވުމުން އެހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓު މިއަދު ރަސްމީކޮށް ހުޅުވި، އެމްއާރްއައިގެ ޚިދުމަތް ދޭން ފަށާފައިވީ ނަމަވެސް، މެމޮގްރަފީ އާއި ސީޓީ ސްކޭންގެ ޚިދުމަތްތައް ފަށަން އަދި ދެ ތިން ހަފުތާ ނަގާނެ ކަމަށް އެ ހޮސްޕިޓަލް ހިންގަން ހަވާލުވެ ހުންނެވި ނާހިދާ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދުކުރީ މެމޮގްރާމާއި ސީޓީގެ ހިދުމަތާ އެއްކޮށް ފަށަން. އެހެން ނަމަވެސް އެ ހިދުމަތްތައް ވެސް ވަރަށް އަވަހަށް ފަށާނެ،" ނާހިދާ ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ގާއިމްކޮށް، އެ ތަނުގައި އެމްއާރުއައި މެޝިން ބެހެއްޓީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ހުޅުމާލެ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތެއްގައި މީޑިއާގައި ވިދާޅުވީ، އެމްއާރުއައިގެ ޚިދުމަތް ހަފުތާއެއްގެ ތެރޭގައި ފަށާނެ ކަމަށެވެ.