"ހަރުކަށި ސިފަ" އަކީ ކޮބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 17ސ
"ހަރުކަށި ސިފަ" އަކީ ކޮބާ!

ސަލާމަތީ ސަބަބުތަކަށްޓަކައި ލަންކާގައި ތިބި ދިވެހިން ނަމަވެސް "ހަރުކަށި ސިފައިގަ" ތިބެ މަގުމަތީގައި މިދުވަސްކޮޅު ނުއުޅުމަށް ލަންކާގެ މުސްލިމް ޖަމާއަތުގެ އިސްބޭފުޅަކު ކުރެއްވި އިލްތިމާސްގެ ޚަބަރު ޝާއިޢްކުރުމުން އެއީ ކޮން ސިފައެއްތޯ ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ. އެ ސިފަ ލިޔުމުގައި ހާމަނުކުރީ މައުލޫމާތު ދެއްވި ފަރާތުން އެ ސިފަ ބަޔާންކުރައްވާފައި ނެތުމުންނެވެ. ޤަބޫލުކުރެވޭ ގޮތުން އެ ސިފަ ވިސްނުން އެވަނީ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލައްވައިފައެވެ.

އެ ސިފަ އާއިމެދު ބަހުސްކުރަން އުޅެފިނަމަ ޚިޔާލު ތަފާތުވާނެއެވެ. އަދި އިތުރު މައްސަލަތައް ކުރިމަތިވާނެއެވެ. ޔަޤީނުންވެސް އެއީ ސުންނަތުގައިވާ ފަދައިން ތުނބުޅި ދިގުކުރުމެއް ނޫނެވެ. ބޮލުގައި މުސްލިމުން އަޅާފަދަ ތާކިހަލެއް އެޅުމެއްވެސް ނޫނެވެ. އަދި ތަނބިކަށި ހާމަވާވަރަށް ފައިކުރި ކުރިކުރުމެއްވެސް ނޫނެވެ. އަދި ދިގު ޖުއްބާ ލައިގެން ތިބުމެއްވެސް ނޫނެވެ. އެކަން އެނގެނީ މުސްލިމުން އެ ސިފައިގައި ތިބޭތާ އެތައް އަހަރެއްވެފައިވާ ކަމެވެ. ނަމަވެސް މިދެންނެވި ސިފަތަކަށްވުރެ އިތުރު ސިފަތަކަށް ތިބޭ ބައަކު ފެންނަމުންދާކަން އެއީ ޤަބޫޅުކުރަންޖެހޭ ކަމެކެވެ.

ގިނަ ބައަކަށް އެއީ ހަރުކަށި ސިފަކަމަށް ޤަބޫލުކުރެވޭ ސިފައިގައި ތިބޭ ބައަކު ރާއްޖޭގެ މަގުމަތިންނާއި މިސްކިތްތަކުންވެސް ފެނެއެވެ. އެމީހުންގެ ކިބައިން ފެންނަ ކަމުގެ ތެރޭގައި މިސްކިތުން ބައްދަލުވި ނަމަވެސް އެ ސިފައަށް ހުންނަ މީހަކަށް ނޫނީ ބަލައި ނުލުން، މީހަކު ހިނިތުންވެލި ނަމަވެސް މޫނު އަނބުރައިލުން، މީހަކު އިސްވެ ސަލާމް ކުރިނަމަވެސް އަޑު އިވުނު ކަމަށް ނުހެދުން ފަދަ ކަންކަން ހިމެނެއެވެ.

ހަމަ ޔަޤީނުންވެސް އެނގޭ ކަމަކީ މީސްތަކުންނަށް ހިނިތުންވުމަކީ ޞަދަޤާތެއް ކަމެވެ. ސަލާމް ކުރުމަކީ ސަވާބު ލިބޭ ކަމެއް ކަމެވެ. ސަލާމް ކުރުމުން ބަލައިގަތުމަކީ ވާޖިބެއް ކަމެވެ. އަދި މުސްލިމުން، މުސްލިމުންނާއި ގުޅުން ބާއްވަން ޖެހޭނީ ބޭރުފުށުގެ ސިފައަށް ބަލައިގެން ނޫންކަމެވެ. ކޮންމެހެން ތުނބުޅި ވަކިމިނެއްގައި ހުރެގެނެއް ނޫނެވެ. ހަރުވާޅުގެ ފައިކުރި އެމީހާ ޤަބޫލުކުރާ މިނެއްގައި ބަހައްޓައިގެނެއް ނޫނެވެ.

މީހަކު މިސްކިތަށް އަރައި ނަމާދުކޮށްފިނަމަ އެމީހަކީ ﷲ ތަޢާލާއަށް އީމާނެވެގެންހުރި މީހެއްކަމަށް ޤަބޫލުކުރަން ޖެހޭނެއެވެ. އެމީހާގެ ބޭރުފުށުގެ ސިފައިގައި މައްސަލައެއް ހުރިނަމަ ހެޔޮ ނަޞޭޙަތްދީ އެމީހަކަށްޓަކައި ހެޔޮ ދުޢާކުރަންވީއެވެ. އިސްލާމް ދީނުގައި އޮތީ އެމީހަކާއި ގުޅުން ކަނޑާލައި ފެނުމުންވެސް ނުފެންނަ މީހަކަށް ހެދުމެއް ނޫނެވެ.

މީހާގެ ކިބައިން ފެންނަންހުރި ބޭރުފުށުގެ ސިފައަކީ ތިމާ ޤަބޫލުކުރާ ސިފައަށް ނުވާނަމަ އެއީ މުސްލިމެއް ކަމަށް ޤަބުލުނުކުރާ މީހުން ހަމަ ދިވެހިންގެ ތެރޭގައި ވެސް އެބަ ތިއްބެވެ. ހަމަ ދިމާއަށް ތިބާއަކީ މުސްލިމެއް ނޫން ކަމަށް ބުނާ މީހުންވެސް އެބަތިއްބެވެ. އަދި ތިބާ އާއި ސަލާމް ނުކުރާނެ ކަމަށް ބުނާ މީހުންވެސް އެބަ ތިއްބެވެ.

ސުންނަތުގައި ބަޔާންވެގެންވާ ސިފަތަކަށް ތިބުމަކީ މުސްލިމުން އަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް އެއިން ސިފައަކަށް މީހަކު އަމަލުކޮށްފައި ނުވުމަކީ އެމީހަކީ މުސްލިމެއް ނޫން ކަމަށް ކަނޑައެޅޭނެ ސަބަބެއް ކަމަށް އިސްލާމް ދީނުގެ އެއްވެސް ޢިލމުވެރިއަކު ވިދާޅުވެފައިވާކަން އެނގޭކަށް ނެތެވެ.

ސުންނަތުގައިވާ ސިފަތަކަށް ހުރުމަކީ ބޯނަސްއެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ހަމަ އެއާއެކު ޤަބޫލުކުރަން ޖެހޭނެ ކަމަކީ މީހާގެ ތަޤްވާވެރިކަން ބިނާވެފައި އޮންނަނީ އެމީހާގެ ބޭރުފުށުގެ ސިފައަށް އެކަނި ނޫން ކަމެވެ. އަޅުކަން ކުރުމާއި އަޚްލާޤްވެސް އިސްލާމް ދީނުގައި ސާބިތުކުރަން ޖެހޭ ކަމެވެ.

ޕާކިސްތާނުގައި ދަރިވަރަކު ދިރިހުއްޓައި އަންދައިލި މައްސަލައިގައި ހިމެނޭ ހެޑްމާސްޓަރުގެ ބޭރުފުށުގެ ސިފައަށް ބެލުމަކީ އެއީ ދަރިވަރުންނަށް ޖިންސީ ގޯނާކުރާނެ މީހެއް ކަމަށް ޤަބޫލުވެސް ނުކުރެވޭނެއެވެ. މީގެ ހަފްތާއެއްހައި ދުވަސްކުރިން ހަމަ މިމާލޭގެ މިސްކިތެއްގައި ޢިޝާ ނަމާދުކުރުމަށްފަހު ފައިބައިގެން ގެއަށް ދިއައިރު ކާން ހެދިފައި ނެތުމުން ބަތްކާތަށިން އަނބިމީހާގެ ބޮލުގައި ބޮލުގައި ޖެހުމުން ތަށި ތެޅުނު ހާދިސާ ހިންގީވެސް ހަމަ އެފަދަ ކަމެއް ކުރާނެ ކަމަށް ބެލެވޭ ސިފައެއްގައި ހުންނަ މީހެއް ނޫނެވެ. މިކަންކަމުން އެނގޭ ކަމަކީ ބޭރުފުށުގެ ސިފައިގެ ފައިދާ ކުރާނީ އެތެރެފުށުގެ ސިފަތައްވެސް އެއްގޮތްކޮށްގެން ކަމެވެ.

ހަމަ ކުޑަކުޑަ މިސާލެއް ފާހަގަކޮށްލާނަމެވެ. ދާދިފަހުން ޢިޝާ ނަމާދެއްގައި އަޅުގަނޑަށް ޝައިކް ޢަލީ ޒާހިރު ބިން ސަޢީދް ޤާސިމް އާއި ބައްދަލުވިއެވެ. ނަމާދާއި ގުޅިވަޑައިގަތީވެސް ތަންކޮޅެއް ފަހުންނެވެ. ނަމާދު ނިންމަވައިލެއްވެވުމަށްފަހު ތަންކޮޅެއް ކުރިއަށް ފައިބާ ވަޑައިގަތުމުން ކަމެއް އޮޅުން ފިލުވައިލުމުގެ ބޭނުމުގައި ބައްދަލުކުރުމުން އެނގުނީ ދަރިކަލަކު ސްކޫލަށް ގަޑި ޖެހޭތީ ވަރަށް ވަގުތު ނެތި ހުންނެވިކަމެވެ.

ފާހަގަކުރަން ބޭނުންވަނީ އެހައި ވަގުތު ނެތިވެސް ޖަމާއަތުގައި ނަމާދުކުރެއްވެވުމަށް ދެއްވެވި ސަމާލުކަމެވެ. ޝައިޚް ޢަލީ ޒާހިރަކީ ފަތިސް ނަމާދު ޖަމާއަތުގައި ކުރައްވަންވެސް ވަރަށް ބޮޑަށް ސަމާލުކަން ދެއްވަވާ ބޭފުޅެކެވެ. ހަމަ ޝައިޚް ޢަލީ ޒާހިރު ހުންނަވާ ސިފައަށް ތިބި ބައެއް މީހުންނަށް އެ ސަމާލުކަން ދެވޭބާވައެވެ! ނުދެވޭނަމަ މިވަނީ ކިހިނަކުންބާވައެވެ! ވީމާ ސިފައާއި ޢަމަލާއި ދިމާކުރަން ޖެހޭކަންވެސް ޤަބޫލު ކުރަން އެބަ ޖެހޭ ދޮގެއްތޯއެވެ؟ ޔަޤީން ކަމަކީ އެއްވެސް ފިރިހެނަކު ހުންނަ ސިފައަކީ ބަންގި ގޮވުމުން ޖަމާއަތަށް ގޮސް ނަމާދު ނުކޮށް ހުންނަން ލިބޭ ހުއްދައެއް ނޫން ކަމެވެ.

ޝައިޚް ޢަލީ ޒާހިރުގެ ވާހަކަ ހާމަ މިކުރީ މިސާލެއްގެ ގޮތުންނެވެ. އިސްލާމް ދީނަށް ޢަމަލުކުރައްވަވާ ހުރިހާ ޝައިޚުންނަށް ޙައްޤު އަދަބު އިހްތިރާމް އަދާކުރުމާއިއެކުގައެވެ.

މިއަދު އޮންލައިން