ޓެރަރިސްޓް ހަމަލާ ދިނީ ސްރީލަންކާގައި ނަމަވެސް އެއީ މުޅި މި ސަރަޙައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޓެރަރިސްޓް ހަމަލާ ދިނީ ސްރީލަންކާގައި ނަމަވެސް އެއީ މުޅި މި ސަރަޙައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް!: ރައީސް ޞާލިޙް

އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަކީ ސްރީލަންކާގައި ދިން ޙަމަލާތަކަކަށް ވީނަމަވެސް އެއީ މުޅި މި ސަރަޙައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެ ނުރައްކާތެރި ޙަމަލާއާއި ގުޅިގެން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން، މިހާރުގެ ސަލާމަތީ ޙާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ގެންދަނީ ކުރަމުން ކަމަށެވެ. 

"އަވަށްޓެރި ސްރީލަންކާގައި، މިދިއަ އާދީއްތަ ދުވަހު ދިން، ނުރައްކާތެރި ޓެރަރިސްޓް ޙަމަލާތަކުގައި މަރުވެދިއަ މީހުންގެ ޢާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ދަންނަވަން. އަދި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރަން." 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެ ޙަމަލާތަކަކީ، އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވަރަށް އަނިޔާވެރި، ވަރަށް ދަށު ދަރަޖައިގެ ފިނޑި ޢަމަލެއް ކަމަށެވެ. އަދި ކޮންމެ މަޤްޞަދެއްގައި ނަމަވެސް އެއްވެސް ޙައްޤަކާ ނުލައި، ކުށެއް ނެތް ބައަކަށް، އެފަދަ ރަޙުމްކުޑަ އަނިޔާއެއް ދިނުމަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭވެސް ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުން، އެ ނުބައި ޓެރަރިޒަމްގެ ޖަރީމާ ކުށްވެރިކުރަނީ، އެންމެ ހަރުކަށި ޢިބާރާތުން ކަމަށެވެ. 

މިއަދު އޮންލައިން