ގޮތް ނުއެނގޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި "ދުލެއް ނުކުރާނަން" ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާނުގެ ޢާއިލާއިން އިންތިޒާމުކޮށްގެން މިއަދު ހަވީރު މާލޭގައި ބާއްވާ ހިނގާލުމުގެ ޝިޢާރަކަށް "ދުލެއް ނުކުރާނަން" ބޭނުންކުރަމުން ގެންދަނިކޮށެވެ.
މަރުތަކުގެ މައްސަލަ ބަލަމުން ގެންދާ ކޮމިޝަނަށް ހާޒިރުކުރަން ޖެހޭ މީހުން ޙާޒިރުކޮށް ބަޔާން ނަގާނެ ކަމަށް އެކޮމިޝަނުން ވަނީ ދާދިފަހުންވެސް ބުނެފައެވެ. އެކޮމިޝަނަށް ބޭނުންވާ ވަރަށް މުހިންމު މައުލޫމާތު ރައީސް ނަޝީދަށްވެސް ދެއްވޭނެ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. ސަބަބަކީ ޑރ. އަފްރާޝީމް އަވަހާރަކޮށްލީ މެދުއިރުމަތީގެ ޤައުމަކުން އައި ބައެއް ކަމަށާއި އެމީހުން ވަނީ ފުރާފައިކަމަށް އެއިރު ރައީސް ނަޝީދު ވިދާޅުވެފައިވާތީއެވެ.
އެފަދަ މައުލޫމާތެއް ރައީސް ނަޝީދަށް އެރުވި ބައަކަށް އެކަމުގައި ވަރަށް މުހިންމު މައުލޫމާތު ދެވޭނެ ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. ވީމާ ރައީސް ނަޝީދުގެ ކިބައިން އެ މައުލޫމާތު ހޯދައި ތަޙްޤީޤް ފުރިހަމަކުރުމަށްވެސް ގިނަ ބައަކު ދަނީ އެދެމުންނެވެ.
މީގެ އިތުރުން 2015 ވަނަ މޭޑޭގައި ބޭއްވި ބޮޑު އެއްވުމުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ގިނަ މައުލޫމާތުތަކެއް ލިބިވަޑައިގެންފައިވާކަން މިހާރުގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވެސް ވަނީ ހާމަކުރައްވައިފައެވެ.