ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ލާބައަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، އެ ކަމަށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ގެންޑަރ މިނިސްޓްރީން ހުޅުވައިލައިފިއެވެ.
ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދެވޭ މި އެވޯޑަށް ކުރިމަތިލެވޭ ދާއިރާތަކަކީ:
1. ނުކުޅެންތެރިކަން ހުންނަ ފަރާތްތައް (4 ފަރާތް)
2. ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
3. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ (1 ފަރާތް)
4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ (1 ފަރާތް)
5. ފަންނީ ދާއިރާ (1 ފަރާތް)
6. ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ (1 ފަރާތް)
7. ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ދާއިރާ (1 ފަރާތް)
8. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާ (1 ފަރާތް)
9. ޚާއްޞަ ދާއިރާ (1 ފަރާތް)
ރިވެލި އެވޯޑަށް ކުރިމަތި ލެވޭނީ ޙާއްޞަވެގެންވާ އެއްދާއިރާއަކަށް، އަމިއްލައަށް ނަން ހުށަހަޅައިގެން ނުވަތަ އެހެން ފަރާތަކުން ނަން ހުށަހަޅައިގެންނެވެ. ނަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަކީ 2019 ޖޫން 02 ވާ އާދީއްތަ ދުވަހުގެ 13:00އެވެ. މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުން http://www.gazette.gov.mv/iulaan/view/100928 ލިބިވަޑައިގަންނަވާނެއެވެ.