ހުކުމް ތަންފީޒު ކުރަމުން އަންނަ 201 ގައިދީއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދަބު ލުއިކޮށްދެއްވައިފިއެވެ.
މުޖުތަމައުއަށް ނުރައްކަލެއް ނެތްކަން ކަށަވަރުކުރުމަށް ފަހު 201 ގައިދީއެއްގެ އަދަބު ރައީސް ލުއިކޮށްދެއްވާފައިވާ ކަމަށް ރައީސް ގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވިއެވެ.
201 ގައިދީންގެ ތެރެއިން ލުއިކޮށްދެއްވާފައިވާތީ ބައެއް މީހުން ވަނީ މިނިވަންވެފައެވެ. އަދި ބައެއް ގައިދީން ގޭ ބަންދަށް ބަދަލުކޮށްދީފައިވާއިރު ދެން ތިބި މީހުންގެ ޖަލު ހުކުމުން ބޮޑު ބައެއް ވަނީ މައާފުވެފައެވެ.
ހޫދު ވިދާޅުވީ އަދަބު ލުއިކޮށްދިންއިރު ބޮޑަށް ބަލާފައި ވަނީ، އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށިއިރު ނިޒާމުން ގެއްލިފައި ތިބި މީހުންނަށްކަމަށާއި އަދި އަދަބު ލުއިކޮށްދެއްވި އެންމެންނަކީ ވެސް ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ މީހުން ކަމަށެވެ.