ރާއްޖޭގެ 127 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވަނީ ސިފައިންނާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި އެމަނިކުފާނު ވަނީ އައްޑަނަ މަޖައްލާގެ 25 ވަނަ އަދަދު ނެރެދެއްވައި މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރު އިޢުލާނު ކުރައްވައިފައެވެ. މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "އަސްކަރީ އުޞުލު ނެގެހެއްޓުން- ސަަފުތަކުގެ ތަރުތީބު ދެމެހެއްޓުން" އެވެ.

ރަސްމިއްޔާތުގައި ވަނީ ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއްވެސް ކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ މާލޭގެ އިތުރުން ރާއްޖޭގައި ސިފައިންގެ ހުރިހާ މަރުކަޒުތަކެއްގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާ ކަމަށެވެ.