ރައްޔިތުންނަށް ބޭނުންވާ އައިވީ ފުޅިއާއި ޕެންޑޯލް ގުޅަ ފޯރުކޮށްދިނުމުގައިވެސް ކޮރަޕްޝަން އުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބަނޑޮސް އައިލެންޑް ރިޒޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދިއަ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ޢިއްޒަތްތެރިންގެ ސަމިޓް އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ޕެނެޑޯލް ގުޅައެއް، ނޫނީ އައި.ވީ ފުޅިއެއްވެސް މި ލިބެނީ، އެތައް ތަނަކަށް ލިޔެގެން، އެތައް މަރުޙަލާއެއް ހުރަސްކުރުމަށްފަހު އެތައް ދުވަހެއް ފަހުން ކަމަށެވެ. އަދި މިއިން ކޮންމެ މަރުޙަލާއެއްގެ ތެރޭގައި ކޮރަޕްޝަން އުޅޭ ކަމުގެ ހެކިތައް ފެންނަން އެބަހުރ ކަމަށެވެ. .
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ދޭއިރު، އާސަންދައިގެ ތެރެއަށްވެސް ކޮރަޕްޝަން ވަދެފައި އޮތީ އިންތިހާއަށް ކަމަށެވެ. އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން، ވަރަށްގިނަ ފައިސާތަކެއް އިސްރާފުވެގެން އެބަދާ ކަމަށާއި މިއީވެސް ޞިއްޙީ ޚިދުމަތުގެ ނިޒާމު ތަރައްޤީ ކުރުމަށް މަޝްވަރާ ކުރައްވާއިރު، ޙައްލު ހޯދަންޖެހޭ ކަންތައްތައް ކަމަށެވެ.
"މިކަންކަން ހުއްޓުވުމުގައި ޢާންމު ރައްޔިތުންގެ ވަރަށްބޮޑު އެހީތެރިކަމެއްވެސް އަޅުގަނޑުމެން ބޭނުންވޭ. ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން، ހިލޭ ބޭސްފަރުވާ ކުރުމަށްޓަކައި "މެރަނާ"ގެ ނަމުގައި، މި މަހުގެ ތެރޭގައި ސަރުކާރުން ވަނީ، އާސަންދަ ސްކީމެއް ތަޢާރުފުކޮށްފައި. މިފަދަ ސްކީމްތަކުގެ ބޭނުންހިފުމުގައިވެސް ޒިންމާދާރުވުމަކީ ވަރަށް މުހިންމު ކަމެއް."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނުކުމެ މިތިބީ، ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދީ، ފަހި ދިރިއުޅުމެއް ހޯދައިދޭން ކަމަށާއި މާތްﷲގެ ވާގިފުޅާއެކު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް، މި ސަރުކާރުން ޙައްލު ހޯދައިދޭނެ ކަމަށެވެ.