ގޮންޖެހުންތަކާއިއެކުވެސް ފެންވަރު ރަނގަޅު ފުރިހަމަ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ތަރައްޤީކުރަން މަސައްކަތް ކުރާނަން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 39ސ
ގޮންޖެހުންތަކާއިއެކުވެސް ފެންވަރު ރަނގަޅު ފުރިހަމަ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ތަރައްޤީކުރަން މަސައްކަތް ކުރާނަން: ރައީސް ޞާލިޙް

ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭ، ފެންވަރު ރަނގަޅު ފުރިހަމަ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ތަރައްޤީކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށާއި އެހެން ނަމަވެސް މިކަން ހާސިލްކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބަނޑޮސް އައިލެންޑް ރިޒޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދިއަ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ޢިއްޒަތްތެރިންގެ ސަމިޓް އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ސަރުކާރުން ނުކުމެ މިތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، މި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނެކަމަށެވެ.  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެގޮތުން އެ ހުރިހާ ގޮންޖެހުންތަކެއްގެ އަސްލަކީ، މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރަން މީގެ ކުރިން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާއި، ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމުގެ ބަދަލުގައި، މާލޭގައި ހުރި ހޮސްޕިޓަލް ތަރައްޤީކުރަން މަސައްކަތް ކުރުން ކަމަށެވެ.

މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން މި ޤައުމަށް ކޮށްދެއްވި އަގު ނުކުރެވޭ މުހިންމު ޚިދުމަތްތައް ފާހަގަކުރައްވައި، މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ޢާންމު ޞިއްޙީ ޚިދުމަތްތަކުގައި ރާއްޖެ ކުރިއަރައި ދިޔައީ، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، އެ ބޭފުޅުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ވަރަށް ޙާއްޞަ ޝުކުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ތަރައްޤީ ކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ސަމިޓުގެ ބައިވެރިންގެ ތަޖުރިބާގެ އަލީގައި، ލަފައާއި އިރުޝާދު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެނެވިއެވެ. އަދި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިލޭ ބޭސްފަރުވާގެ ޚިދުމަތްދޭ އާސަންދައިގެ ތެރެއަށް ވަދެފައިވާ ކޮރަޕްޝަން ހުއްޓުވުމުގައި ޢާންމު ރައްޔިތުން އެހީތެރިކަން ފޯރުކޮށްދިމަށްވެސް އެމަނިކުފާނު އެދިވަޑައިގެނެވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

މި ޙަފްލާގައި އެއްޗެއް ދެންނެވުމުގެ ކުރިން، މި މުހިންމު މަހާސިންތާގައި، ތިޔަ ޢިއްޒަތްތެރި ވަޒީރުން ބައިވެރިވެވަޑައިގެންދެއްވީތީ، ތިޔަ ހުރިހާ ބޭފުޅުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. ތިޔަބޭފުޅުންނަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި، ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅުންކޮޅެއް. އެހެންކަމުން، އެކަމުގެ އަގުވަޒަންކޮށް، ވަރަށް ޚާއްޞަ ޝުކުރެއްވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަން.

މިތަނުން ފެންނަން މި ތިއްބެވި ކުރީގެ ހެލްތު މިނިސްޓަރުންނަކީ، މިހާރާ އަޅައިބަލާއިރު، ވަރަށް ތަފާތު ޒަމާންތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅުން. އޭރު ރާއްޖެ އޮތް ގޮތްވެސް ވަރަށް ތަފާތު. ދިވެހީންގެ ދުޅަހެޔޮކަމުގެ ޙާލަތާއި، ޞިއްޙީ ހޭލުންތެރިކަންވެސް ވަރަށް ތަފާތު. އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުވެސް، މިހާރާ އަޅައިބަލާއިރު ވަރަށް ތަފާތު. 

އެހެން ނަމަވެސް، އެ ދުވަސްވަރެއްގައި ރާއްޖޭގެ ފޯރުންތެރިކަން ހުރި މިންވަރަކުން، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް، ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގައި، ތިޔަބޭފުޅުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައި. މި ރާއްޖެ ދުށް ބޮޑެތި ރޯގާތަކާއި ބަލިމަޑުކަން ކުރިމަތިވެފައިވަނީވެސް، ރާއްޖޭގެ ޞިއްޙީ ނިޒާމު ފިރުކެމުން އައި ދުވަސްވަރެއްގައި.

އެހެން ނަމަވެސް، އޭރު ލިބެންހުރި މަދު ވަސީލަތްތަކާއި، މަދު ޞިއްޙީ ޚިދުމަތްތެރީންނާއެކު، ތިޔަބޭފުޅުން މި ޤައުމަށް ކޮށްދެއްވެވީ، އަގު ނުކުރެވޭހާ މުހިންމު ޚިދުމަތްތަކެއް. މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ޢާންމު ޞިއްޙީ ޚިދުމަތްތަކުގައި ރާއްޖެ ކުރިއަރައި ދިޔައީ، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކު، ތިޔަބޭފުޅުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން. 

ވަކި ނިޒާމެއްގެ ދަށުން، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް، 1932 ވަނަ އަހަރު ވުޒާރަތުއް ޞިއްޙާ އުފެދިގެން އައިސް، ދެވަނަ ޖުމްހޫރިއްޔާއާ ބައްދަލުކުރިއިރުވެސް، ދިވެހީން ފަރިތަވެފައި ތިބީ، ޙަކީމީ ބޭސްވެރިކަމާއި، ދިވެހި ބޭސްވެރިކަމާއި، ފަންޑިތަވެރިކަމަށް. އެހެންކަމުން، ވިލާތުގެ ޑަކްޓަރީ ބޭސްވެރިކަން، ދިވެހީންގެ ތެރެއަށް ތަޢާރުފުކުރުން ވެގެން ދިޔައީ، ވަރަށް ބޮޑު ގޮންޖެހުމަކަށް. 

އަޅުގަނޑު ހިތުން، މިތާ މި އިންނެވި ރާއްޖޭގެ ފުރަތަމަ އަންހެން ވަޒީރު މުއުމިނާ ޙަލީމް އަދި މުޙައްމަދު މުޞްޠަފާ ޙުސައިން ފަދަ ބޭފުޅުންގެ ހިތްޕުޅުން، އަދިވެސް އެ ހަނދާންތައް ފިލައިގެނެއް ނުދާނެ. އެ ޒަމާނާއި އެ ޙާލަތުގައި، އެ ބޭފުޅުން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަންތަކާއި، އެކަންތައް ޙައްލުކުރެއްވި ގޮތަކީ، މިއަދު އަޅުގަނޑުމެންނަށް މުހިންމު ތަޖުރިބާއަކަށްވާނެ. 

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ތަރައްޤީ ކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ތިޔަބޭފުޅުންގެ ތަޖުރިބާގެ އަލީގައި ލަފަޔާއި އިރުޝާދު ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ތިޔަބޭފުޅުންގެ ޚިދުމަތުގެ ދުވަސްވަރު، ރައްޔިތުންގެ ޢާންމު ޞިއްޙަތާއި ދުޅަހެޔޮކަމުގައި، ރާއްޖެ ވަނީ ކުރިއެރުންތަކެއް ޙާޞިލުކޮށްފައި.

ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ފުރަތަމަ މެލޭރިޔާ އާއި ފައިލޭރިޔާ ނައްތައިލެވުނު ޤައުމަކީވެސް ދިވެހިރާއްޖެ. ޕޯލިއޯ އާއި މީސަލްސްވެސް ވަނީ މި ރާއްޖެއިން ނައްތައިލެވިފައި. މި ދެންނެވި ނުރައްކާތެރި ބަލިތައް، މި ރާއްޖެއިން ނައްތައިލުމުގައި ތިޔަ ވަޒީރުންގެ ޙިއްޞާ ވަރަށް ބޮޑު. 

ރާއްޖެއަށް ކުރިމަތިވި ކޮލެރާގެ ވަބާ ފެތުރިގެން ދިޔައީވެސް، އެކަށީގެންވާވަރާ ގާތަށްވެސް، އަޅުގަނޑުމެންގެ ތެރޭގައި، ވަސީލަތްތަކާއި، ބޭހާއި ޑޮކްޓަރުން ނެތް ދުވަސްވަރެއްގައި. އޭރު މި ރާއްޖޭގެ މުޅި ޞިއްޙީ ނިޒާމު ބަރޯސާވެފައި އޮތީ، ކޮމިޔުނިޓީ ހެލްތު ވަރކަރުންނާއި، ފޫޅުމައިންނާއި، މަދު ޢަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންގެ މައްޗަށް. 

އެއީވެސް ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް ކުރިމަތިވި ބަނަ ދުވަސްތަކެއް. އެ ނުރައްކާތެރި ވަބާގައިވެސް، މާގިނަ ބައެއްގެ ފުރާނަ ގެއްލިގެން ނުދަނީސް، އޭރު ލިބެން ހުރި ވަސީލަތްތަކުގެ އެހީގައި، ތިޔަބޭފުޅުން ވަނީ، މި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކޮށްދެއްވާފައި.

އެ ދުވަސްވަރު މި ރާއްޖޭގެ ދަތުރުފަތުރުގެ އިންތިޒާމުތަކާއި، މުވާޞަލާތީ ޚިދުމަތްތައް ހުރި ފެންވަރަށް ބަލާއިރު، ނުރައްކާތެރި ބަލިތަކާއި ރޯގާތައް ކޮންޓްރޯލް ކުރުމުގައި، ތިޔަބޭފުޅުން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ގޮންޖެހުންތައް، މި ޒަމާނުގެ މީހުންނަށް ތަޞައްވަރުވެސް ނުކުރެވޭނެ. 

ތިޔަބޭފުޅުން އެ ދުވަހު ކުރެއްވި ތަޖުރިބާތަކާއި، މި ޒަމާނުގެ ޞިއްޙީ ޚިދުމަތުގެ ލުއިފަސޭހަތަކުގެ ވާހަކަތައް، އެއް މޭޒުދޮށުގައި ޙިއްޞާކޮށްލެވޭކަމީ، ވަރަށް ހެޔޮ ފާލެއް ކަމުގައި އަޅުގަނޑު ދެކެން. އެ ދުވަސްވަރާ އަޅައިބަލާއިރު، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކަށް ކުރިއެރުންތަކެއް ލިބިއްޖެ. ނަމަވެސް ރައްޔިތުން ކުރާ ޝަކުވާތައް އަދިވެސް މަދެއްނޫން. ކުރިމަތިވަމުން އަންނަ ގޮންޖެހުންތައްވެސް މަދެއްނޫން.

 

 

 

 

 

މިއަދު އޮންލައިން