ޞިއްޙީ ޚިދުމަތް ތަރައްޤީކުރަންވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ޚިދުމަތް ހޯދަން މާލެ ނޫން ތަނެއް ރައްޔިތުންނަށް ދެއްކިފައި ނެތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބަނޑޮސް އައިލެންޑް ރިޒޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދިއަ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ޢިއްޒަތްތެރިންގެ ސަމިޓް އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދުވެސް ރައްޔިތުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ، އެކަށީގެންވާ ޞިއްޙީ ޚިދުމަތްތައް ރަށްރަށުން ލިބެން ނެތުން ކަމަށާއި ޚާއްޞަ ޑޮކްޓަރުންނަށް ދެއްކޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ދުވަހަކު ތިބެންޖެހުން ކަމަށެވެ. ހަމައެއާއިއެކު ތަމްރީނާއި ތަޖުރިބާ ހުރި މީހުން، ޞިއްޙީ އެއްވެސް ދާއިރާއެއްގައި އެކަށީގެންވާ މިންވަރަށް ނެތުމާއި އެތެރެކުރެވޭ ބޭހުގެ ކޮލިޓީ ރަނގަޅަށް ނުބެލި، ފެންވަރު ދަށް ބޭސް އެތެރެކުރެވުން ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއިން ކޮންމެ ޝަކުވާއަކާ ގުޅިފައިވާ އެތައް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ހުރިހާ ގޮންޖެހުންތަކެއްގެ އަޞްލަކީ މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރަން އުޅުން ކަމަށެވެ. ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމުގެ ބަދަލުގައި، މާލޭގައި ހުރި ހޮސްޕިޓަލް ތަރައްޤީ ކުރުން ކަމަށެވެ.
"އޭގެ ނަތީޖާއަކަށް މިވަނީ، ޑޮކްޓަރަށް ދައްކަންވިޔަސް، ޓެސްޓެއް ހަދަން ޖެހުނަސް، މާލެ އަންނަން މަޖުބޫރުވުން. ދެން ދިމާވަނީ އަދި މާ ގޯސް މައްސަލައެއް. އެއީ އައި.ޖީ.އެމް.އެޗުން ލިބެންހުރި ޚިދުމަތްތައް، އެކަށީގެންވާ ވަރަށްވުރެ ގިނަ އަދަދެއްގެ ބައަކަށް ފޯރުކޮށްދޭން ޖެހުމުން ދިމާވާ މައްސަލަތައް. އެކަމަކު، ޒަމާނުއްސުރެ ކަންތައް ރޭވިފައި މިއޮތީ، ރައްޔިތުން އެ ބުރަ އުފުލަންޖެހޭގޮތަށް. ޖީބަށް ނުތަކާވަރުގެ ޚަރަދުތައް ޚަރަދުތައް އުފުލަންޖެހޭގޮތަށް. މިއީ، އަޅުގަނޑުމެން މަޝްވަރާކޮށް ޙައްލު ހޯދަންޖެހޭ އެއް މައްސަލަ. ތިޔަބޭފުޅުންގެ ތަޖުރިބާގެ އަލީގައި މިކަންކަމަށްވެސް ޙައްލުތަކެއް ހޯދިދާނެ ކަމަށް އަޅުގަނޑު ދެކެން."