ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 2 ނިންމާ ފާސްވި ޤައިދީންނަށް ފޭސް 3 މާފުށީ ޖަލުގައި ފަށައިފި އެވެ. މިއީ ފޭސް ތިނެއްގެ 6 ޕްރޮގްރާމެވެ.
1 އަހަރާ 3 އަހަރާ ދެމެދުގެ މުއަދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާޟްގެ މަޤްޞަދަކީ، ފޭސް ނިންމާ ކޮންމެ މީހަކީ ސަރުކާރު ޤަބޫލްކުރާ ފެންވަރުގެ ތަޢުލީމާއި، ތަމްރީންނެއް ލިބިފައިވާ މީހަކަށް ހެދުމާއި، އަމިއްލަ ދިރިއުޅުމަށް ފައިދާ ކުރުވަނި މަސައްކަތެއް ދަސްކޮށްދެވިފައިވާ މީހަކަށް ހެދުމެވެ.
އަދި، ޤައުމީ ސަނަދު އޮނިގަނޑު ލެވަލް-3ގެ ސެޓްފިކެޓެއް ހާސިލްވާނެ މިންވަރަށް ތައުލީމާއި ހުނަރު ދަސްކޮށްދިނުމެވެ. މީގެ އިތުރުން، މިފޭސްފުރިހަމަކުރާ ކޮންމެ މީހަކަށް ފޭސް-4 ގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން އެމީހަކަށް ތަމްރީނު ލިބިފައިވާ ދާއިރާއަކުން ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އައިކޯސްޓާއި، މާފުށީ ޖަލު ގުޅިގެން މި ފްރޭމްވަރކްގައި ބައިވެރިވެފައިވާ ޤައިދީންނަށް ތަފާތު އަދި އެކި ފެންވަރުގެ ކޯސްތައް ކުރިއަށް ގެންދާ ގޮތައް ހަމަޖެހިފައިވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުތަކުގައި ތިބި ޤައިދީން ރިހެބިލިޓޭޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.
އެގޮތުން ޤައިދީންނަށް މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ސަނަދު ހާސިލުކުރުމުގެ ފުރުޞަތު ވަނީ ތަނަވަސްކޮށްދީފަވެއެވެ. އަދި މަސައްކަތް ދަސްކުރަން ބޭނުންވާ ޤައިދީންނަށް އެ ފުރުޞަތުވެސް ދީފަވެއެވެ. މި ފުރުޞަތުގެ ބޭނުން ގިނަ ޤައިދީން ހިފައެވެ.