ބަންގީގެ އަޑު އިވުމުން ގާޑިޔާ ބާއްވާފައި ނަމާދުކުރަމުން އައި މީހަކަށް މިހާރު 3 ލޮރީ ދެއްވަވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ބަންގީގެ އަޑު އިވުމުން ގާޑިޔާ ބާއްވާފައި ނަމާދުކުރަމުން އައި މީހަކަށް މިހާރު 3 ލޮރީ ދެއްވަވައިފި!

އަހަރެން ދަންނަ ދަމާ ގާޑިޔާ ދަމައިގެން ދިރިއުޅެމުން އައި މީހެއްގެ އަތުގައި މިހާރު މުދާ އުފުލާ 3 ލޮރީ އެބަ އޮތެވެ. ވިސްނައި ފިކުރުކުރަންވީ މިފަދަ ކަންކަމާއިމެދުގައެވެ. އޭނާއަކީ ގާޑިޔާ ފުރެންދެން މުދާ އަރުވައިގެން ދަމަމުންވެސް ބަންގީގެ އަޑު އިވޭއިރަށް ގާޑިޔާ ބާއްވައި ގާދިޔާ ކައިރީގައި ހުރެ ނަމާދުކުރަމުން އައި މީހެކެވެ. އޭނާ މަސައްކަތަށް ފަށަން ފުރަތަމަވެސް ގާޑިޔަލަށް އަރުވާނީ އެދުވަހު ވުޟޫކުރާނެ ފެނެވެ. 

އޭނާއަށް ލިބުނު އާމްދަނީން އެއްވެސް މިންވަރެއް ބާކީއެއް ނުކުރެވެއެވެ. ނަމަވެސް ﷲ ތަޢާލާ އޭނާއަށް ލޮރީއެއް ދެއްވަވަން އިރާދަ ކުރެއްވެވުމުން ލިބުނީއެވެ. އޭނާއަށް ލޮރީއެއް ލިބުނީ ގާޑިޔާ ކައިރީގައި ނަމާދުކުރަން ހުއްޓައި ފެނުނު ތަނަވަސް މީހަކު އޭނާއަށް ލޮރީއެއް ގެނެދިނުމުންނެވެ. އެ ލޮރީ ދުއްވައިގެން ލިބުނު ފައިދާއިން މިހާރު އޭނާ ވަނީ އިތުރު 2 ލޮރީގަނެފައެވެ. މިހާރު އޭނާއަކީ މުވައްޒިފުން ލައިގެން 3 ލޮރީ ދުއްވައިގެން އާމްދަނީ ހޯދާ މީހެކެވެ. 5 ވަގުތު ވުމުގެ ކުރިން މިސްކިތަށް ގޮސް ނަމާދަށް އިންތިޒާރުކުރަން އިންނަ މީހެކެވެ. 

ﷲ ތަޢާލާ މަތިން ލޮރީއެއް ނުފޮނުއްވަވާނެއެވެ. ދެއްވަވަން އިރާދަ ކުރެއްވެވުމުން ސަބަބެއް މެދުވެރި ކުރައްވަވައި ދެއްވަވާނެއެވެ. އަދި ދެއްވަވާ ނިޢްމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހުންނަށް ނިޢްމަތްތައް އިތުރު ކުރައްވަވާނެތެވެ. 

މީހަކު ދުނިޔޭގައި އުޅެން މަގުމަތިވެސް އިރާދަ ކުރައްވަވައިފާނެއެވެ. މަގުމަތީގައި އުޅެމުން ވެސް ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރުމުގެ ފުރުޞަތު ހަމަ ކޮންމެ މީހަކަށް ވެސް އޮންނާނެއެވެ. ﷲ ތަޢާލާ މިންވަރު ކުރެއްވެވި ނިޢްމަތަށް ޝުކުރުވެރިވެ ޙާލަތު ބަދަލުކޮށް ދެއްވެވުމަށް އެދެމުން ގެންދާނަމަ ﷲ ތަޢާލާ އިރާދަ ކުރައްވަވާ އަޅެއްގެ ޙާލަތު ބަދަލުކޮށް ދެއްވަވާނެތެވެ. ދިރިއުޅޭނެ ތަނެއް ނެތިގެން މިސްކިތުގައި ދިރިއުޅޭ ކިތައް މީހުންނަށް ބޮޑެތި ގަނޑުވަރުތައް ފަދަ ގޭގެއިން ޖާގަ މިންވަރުކުރައްވަވާފައިވޭ ހެއްޔެވެ؟ 

ކޮންމެ މީހަކަށްވެސް އެމީހަކަށް ބޭނުންވާނެ މިންވަރަށް ﷲ ތަޢާލާ ނިޢްމަތްތައް މިންވަރު ކުރައްވަވައެވެ. ހަމަ އެކަނި މިންވަރު ނުކުރައްވަވަނީ އެމީހަކު އެދޭހައި ކަމެކެވެ. ދުނިޔޭގައި ލެއްވެވި އެންމެހައި ތަކެއްޗަށް ދިރި އުޅެވޭނެ މަގު ފަހިކޮށް ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ވަހީ ކުރައްވަވައިފައެވެ. މީގެތެރޭގައި ކުދިކަމުން އަހަރެމެންގެ ލޮލަށް ނުފެންނަ އެންމެ ކުދި ހިންޏާއި އަހަރެމެންގެ ގައިން ލޭބޯ މަދިރިވެސް ހިމެނެއެވެ. މަދިރިވެސް ދުނިޔެއަށް ފޮނުއްވަވަނީ ރިޒްޤް ކަނޑައަޅުއްވަވައިފައެވެ. ތިބާގެ ގައިން ލޭ ބުއިމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާނަމަ އެކަން ހުއްޓުވޭނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. 

މިބަހުގެ މާނަ އޮޅުވައި ނުލާށެވެ. މިބުނަނީ މަދިރިން ސަލާމަތްވާން މަސައްކަތް ނުކުރަންވީ ވާހަކައެއް ނޫނެވެ. އެކަމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ހަމައެކަނި ޤަބޫލުކުރަން ޖެހޭނެ ކަމަކީ ކިތަންމެ ގިނަ ކަންކަން ކުރި ނަމަވެސް ތިބާގެ ގައިން ލޭ ބުއިމަށް ﷲ ތަޢާލާ މިންވަރު ކުރއްވަވާފައިވާނަމަ އެ ލޭފޕދު ހަމަ ބޯނެއެވެ. ގޭގައި ތަފާތު ބޮކި ދިއްލައި، ސްޕްރޭކޮށް ގައިގައި މޮސްކިޓީ ރެޕިލަންޓް އުނގުޅައިގެން ހުއްޓައިވެސް މަދިރި ނުހަފާ ހެއްޔެވެ؟ ނަމަވެސް އެއިގެ މާނައަކީ މަދިރިން ސަލާމަތް ވުމަށް މިބުނި ފަދަ ކަންކަން ނުކޮށް ތިބުމެއް ނޫނެވެ. މިވާހަކަ މިގޮތަށް ކިޔައި މިދިނީ އެމީހަކަށް ކަނޑައަޅުއްވަވާފައިވާ ރިޒްޤް އެމީހަކަށް ހަމައަށް ދެއްވަވާނެކަމާއި އެކަމަށް ހުރަސް ނުއެޅޭނެކަން ބަޔާން ކުރުމަށެވެ.

މީސްތަކުންނަށް މާޔޫސްބަލި ޖެހެނީ ﷲ ތައާލާ ނިޢްމަތްތައް ނުދެއްވަވާތީއެއް ނޫނެވެ. ދެއްވަވާ  ނިޢްމަތްތަކުގެ އިތުރަށް ކަންކަން ބޭނުންވާތީއެވެ. މިސާލަކަށް ﷲ ތަޢާލާ ތިބާގެ ޒަވާޖީ ޙަޔާތަށް ބައިވެރިއަކު ދެއްވެވިއެވެ. މައްސަލަ އުފެދެނީ ތިބާ އެދުނު ނުވަތަ ބޭނުންވި ބައިވެރިޔާ ނުލިބުމުންނެވެ. މާޔޫސް ބަލި ޖެހެނީ އެކަމަށް ވިސްނަން ހަދައިގެންނެވެ. ތިބާއަށް ވަޒީފާއެއް ދެއްވެވިއެވެ. ކުރާނެ މަސައްކަތެއް ދެއްކެވިއެވެ. މައްސަލަ ޖެހެނީ ބޭނުންވި ވަޒީފާ ނުލިބުމުންނެވެ. ހަސަދަވެރި ވެވެނީ ތިމާ ބޭނުންވި ވަޒީފާގައި އެހެން މީހަކު ހުރުމުންނެވެ. 

- އިސްލާމީ ތަލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން