ތ. އަތޮޅު ކައުންސިލް މެންބަރުންނާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 19ސ
ތ. އަތޮޅު ކައުންސިލް މެންބަރުންނާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

ރައީސް ޞާލިޙް، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކޮޅުމަޑުލުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކައުންސިލުން ރާއްވަވާފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު، ކައުންސިލްގެ ފަރާތުން ރައީސް ޞާލިޙް އާ ޙިއްޞާ ކުރެއްވިއެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން އަތޮޅަށް ތަރައްޤީ ގެނައުމުގައި ކައުންސިލުން ގެންގުޅޭ ވިސްނުން ރައީސް އާއި ޙިއްޞާ ކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ ހުރިހާ ރައްޔިތުންގެވެސް ވަރަށް ބޮޑު އެދުމެއްކަން ފާހަގަ ކުރައްވައި، ފަތުރުވެރިކަމުގެ ވިޔަފާރި ކޮޅުމަޑުލަށް ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ހައްލު ކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ތަރައްޤީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއްއަމާޒު ކަމުގައި ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން