ރަމަޟާން މަހުގެ ޢުމްރާ ދަތުރުގެ އަގު ޙައްޖު ކޯޕަރޭޝަނުން ހެޔޮކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ރަމަޟާން މަހުގެ ޢުމްރާ ދަތުރުގެ އަގު ޙައްޖު ކޯޕަރޭޝަނުން ހެޔޮކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޚިދްމަތްތައް ހެޔޮ އަގެއްގައި ފޯރިކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިއަހަރުގެ ރަމަޟާން މަހުގެ ޢުމްރާ ދަތުރުގެ އަގަށް ބަދަލުގެނެސްފިއެވެ.

އެކުންފުނިން ބުނެފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން 2019 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަމަޟާން މަހުގެ ޢުމްރާ ޕެކޭޖްގެ އަގަށް ހެޔޮބަދަލެއް ގެނެވިފައިވާކަމަށާއި އެގޮތުން މަދުވެގެން 15 ދުވަހުގެ ޕެކޭޖްގެ އަގަކީ 36,965/-ރ (ތިރީސް ހަ ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ފަސް ދިވެހި ރުފިޔާ) ކަމަށެވެ. މިއީ 2018 ވަނަ އަހަރުގެ ރަމަޟާން ޢުމްރާގެ އަގަށްވުރެ 1،000ރ ކުޑަ ޢަދަދެކެވެ.

ޢުމްރާ ދަތުރުގެ ޙާއްސަ ޑިސްކައުންޓުގެ ތެރޭގައި 4 ބޭފުޅުންގެ ގުރޫޕެއްރަޖިސްޓްރީ ކުރައްވާނަމަ ކޮންމެ ބޭފުޅަކަށް 1,000/-ރ ގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ. އަދި 2 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް4,000/-ރ ގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ ރަޖިސްޓްރީ ކުރުމާއި ފައިސާ ދެއްކެވުމުގެ އެންމެ ފަހު ތާރީޚަކީ 30 އޭޕްރީލް 2019 ގެ 15:00 ގެ ކުރިންކަމަށާއި ޢުމްރާއަށް ރަޖިސްޓްރީ ކުރެއްވުމަށް އެދި ހުށަހަޅާ ފޯރމް ފުރުއްވުމަށްފަހު މިކޯޕަރޭޝަންގެ އޮފީހުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވޭނެކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުގެ "ފަހެލި" އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރައްވާ ފައިސާ ދެއްކޭއިރު ފޯމާއެކު މަދުވެގެން 5,000/-ރދެއްކެވުމުން ޢުމްރާއަށް ރަޖިސްޓްރީ ކުރެއްވޭނެކަމަށެވެ. ބާކީ ފައިސާ 30 އޭޕްރީލް 2019 ގެ 15:00 ކުރިން ދެއްކެވޭނެއެވެ. ޢުމްރާއަށް ރަޖިސްޓްރީ ކުރެއްވުމަށް އެދޭ ފޯރމް މި ކޯޕަރޭޝަންގެ އޮފީސް، ވެބްސައިޓް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކުން ލިބެން ހުންނާނެއެވެ. 

ޕެކޭޖްގައި ފޯރުކޮށްދެވޭނެ ޚިދުމަތްތަކުގެ ތެރޭގައި:

ޢުމްރާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

ސައުދީ އަރަބިއްޔާގެ ދެކޮޅު ޓިކެޓް

ޢުމްރާ ވިސާ

ޢުމްރާ ތަމްރީން ޕްރޮގްރާމް

ވެކްސިން ޖެހުމުގެ ޚިދްމަތް

ދެ ޢުމްރާ ކުރުމުގެ ފުރުސަތު

15 ދުވަހުގެ ހުރުމާއި ކެއުން (ދިވެހި ކެއުން)

މައްކާ މަދީނާގެ ބަސްދަތުރުތައް

މައްކާ އަދި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން

05 ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް

ޢުމްރާ ކިޓް (ލަގެޖް ފޮށި، ހޭންޑް ލަގެޖް، ޓޮއިލެޓްރީ ދަބަސް، އުނަގަނޑު ދަބަސް، ޢިޙްރާމް، ހިޖާބް ފޮތި، ޢުމްރާ އަތްމަތީ ފޮތް، ޢުމްރާ ދުޢާ ކާރޑް...)

-  އެހެނިހެން ޚިދްމަތްތައް... 

ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ މި ޕެކޭޖްގެ އިތުރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދަނީއަހަރުގެ އެކި ދުވަސްތަކަށް ބަހައިލައިގެން ތަފާތު ޢުމްރާ ދަތުރުތަކެއް ކުރިއަށް ގެންދަމުންކަމަށެވެ. އަދި މި ވަގުތު އިޢުލާން ކުރެވިފައިވާ ޢުމްރާ ދަތުރުތަކުގެ އިތުރުން، ކުރިއަށް ހުރި އަހަރު ތަކުގެ ޢުމްރާ ދަތުރުތަކަށް ރަޖިސްޓްރީކޮށް ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާކަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

 

 

 

 

މިއަދު އޮންލައިން