ފަލަސްޠީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާލުވީ ފަލަސްތީން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ވަލީދު އޭ. އެމް. އަބޫޢަލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އަރުވުމަށް މިއަދު ބޭއްވި ބައްދަލުކުރުމުގައެވެ.
ރައިސްގެ ވާހަކަފުޅުގައި ފަލަސްޠީނަކީ ދިވެހިންގެ ހިތްތަކުގައި ޚާއްޞަ މަޤާމެއް ދެވިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ތާއީދު އެގޮތުގައި ދެމި އޮންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ފަލަސްޠީނުގެ ސަފީރު މިސްޓަރ ވަލީދު އޭ. އެމް އަބޫ ޢަލީ ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައީސް މަހްމޫދު ޢައްބާސްގެ ހެޔެއެދުންތައް ރައީސް ޞާލިޙް އަށް ރައްދުކުރެއްވިއެވެ. އަދި ރާއްޖޭގައި ފަލަސްޠީނުގެ ރައްޔިތުން ތަމްޞީލުކުރުމުގެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމުން އެކަމާ އުފާ ކުރައްވާކަމަށް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ދެޤައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުންއަންނަކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސް ޞާލިޙް އަށާއި ރާއްޖޭގެ ރައްޔިތުންނަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ.