ޕާކިސްތާނުގެ 20000 އަށްވުރެ ގިނަ މުސްލިމުން ޖަމާވެ އަލްނޫރު މިސްކިތުގެ ބައްޓަމަށް އެތުރިއްޖެއެވެ. މިއީ ހައްދުފަހަނައަޅާފައި ހުރި ޓެރަރިސްޓުން ނިޔުޒީލަންޑުގެ 2 މިސްކިތަކަށް ހަމަލާދީ ހުކުރަށް ގޮސް ތިބި 50 މީހުން ޝަހީދުކޮށް، އެތައް ސަތޭކަ ބައަކު ޒަޚަމްކޮށްލުމުން މުސްލިމުންނަކީ ޞުލްޙަވެރިކަމަސް ލޯބިކުރާ ބައެއްކަން އަންގައި ދިނުމަށް ކުރި ކަމެކެވެ.
މިޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޕާކިސްތާނުގެ ޝޯރކޮޓް ގައި ހުންނަ ޙަޒްރަތް ސުލްޠާން ބާހޫ ޒިޔާރަތް ކައިރީގައެވެ. މުސްލިމް އިންސްޓްޓިޔުޓްގެ ޗެއާމަން ޞާހިބްޒާދާ ސުލްޠާން އަޙްމަދު ވިދާޅުވީ މިހަރަކާތުގެ ބޭނުމަކީ މުސްލިމުންނަކީ ޞުލްޙައަށް ލޯބިކުރާ ބައެއްކަން މުޅި ދުނިޔެއަށް އަނގައިދިނުން ކަމަށެވެ.
ނިޔުޒީލަންޑުގެ މިސްކިތަށް ދިން ޓެރަރިސްޓް ހަމަލާ ޢާއި ގުޅިގެން ނިޔުޒީލަންޑްގެ ބޮޑުވަޒީރާއި ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަމަށާއި ފޯރުކޮށްދިން އެހީތެރިކަމަށް ޞާހިބްޒާދާ ސުލްޠާން އަޙްމަދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.