ބުރުގާއަކީ އިޚްތިޔާރީކަމެކޭ ބުނާނީ ޤުރްއާނާއި ސުންނަތަށް އިންކާރުކުރާ މީހެއް: އައްޝައިޚް ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ބުރުގާއަކީ އިޚްތިޔާރީކަމެކޭ ބުނާނީ ޤުރްއާނާއި ސުންނަތަށް އިންކާރުކުރާ މީހެއް: އައްޝައިޚް ޢަބްދުﷲ

މުސްލިމް އަންހެނުން ބުރުގާ އެޅުމަކީ އިޚްތިޔާރީކަމެކޭ ބުނުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެކަމަށާއި އެފަދައިން ބުނާނީ ޤުރްއާނާއި ސުންނަތުގެ މައްޗަށް ބޮޑާވެގަނެ، އިންކާރުކުރާ މީހެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ބުރުގާ އެޅުމަކީ އިޚްތިޔާރީ ކަމެއްކަމަށް ބުނުމުގެ ޙުކުމާއިގުޅޭގޮތުން، ’މިއަދު‘ ނޫހުގެ އެޑިޓާ އިން ޗީފް ޢަބްދުއްލަޠީފް އާދަމް ޓްވިޓާ މެދުވެރިކޮށް ޝައިޚް ޢަބްދުﷲ އަށް ޓެގްކުރައްވައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވީ ބުރުގާއަކީ (ބުރުގާ އެޅުމަކީ) އައުރަ ނިވާކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވާ އެންގެވުމަކަށް ތަބާވުމުގެގޮތުން ކުރަންޖެހޭ ކަމަކަށް ވީހިނދު އެއީ އިޚްތިޔާރީކަމެކޭ ބުނުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެކަމަށާއި އެހެންބުނާނީ އިސްލާމީ ޝަރީޢަތާމެދު ޖާހިލުވެފައިވާ މީހެއްކަމަށެވެ.

ބުރުގާއަކީ އައުރަ ނިވާކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވާ އެންގެވުމަކަށް ތަބާވުމުގެ ގޮތުން ކުރަންޖެހޭ ކަމަކަށް ވީހިނދު އެއީ އިޚްތިޔާރީކަމެކޭ ބުނުމުގެ ޙައްޤެއް ނޯންނާނެ. އެހެންބުނާނީ ޤުރްއާނާއި ސުންނަތުގެ މައްޗަށް ބޮޑާވެ އިންކާރުކުރާ މީހެއް. ނޫނީ އިސްލާމީ ޝަރީޢަތާމެދު ޖާހިލެއް“ ޝައިޚް ޢަބްދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މުސްލިމް އަންހެނުން އައުރަ ނިވާކުރުމުގެގޮތުން ބުރުގާ އެޅުމާއިމެދު އިންކާރު ކުރާ ބައެއް މީހުން އުޅެމުންދިއަނަމަވެސް މިއަދު މުޅި ރާއްޖެއަށް ބަލާލާއިރު ބުރުގާ ނާޅާ މީހުން އެއީ ވަރަށް މަދު ބައެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ބުރުގާ އަޅާ އަންހެނުންގެ އާބާދީ ދަނީ ﷲ ގެ ރަޙްމަތުން ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ދިވެހިރާއްޖެ އަކީ އިސްލާމީ ޤައުމަކަށްވީހިނދު، އިސްލާމްދީނުގެ މިފަދަ ޝިޢާރުތަކަށް ފާޅުގައި އިންކާރު ކުރާމީހުންނަށް އެމީހުންގެ ނުބައިކަން މުޖްތަމަޢުގައި ފެތުރުމަށް ލިބޭ ހަނި ފުރުޞަޠުގެ ބޭނުން ހިފައި، މީސްތަކުންގެ މެދުގައި ދީނާމެދު ޝައްކު އުފެއްދުމަށް އެފަދަ ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ. 

- މިޚަބަރު ޝާއިޢްކޮށްފައި މިވަނީ ޖަމިއްޔަތުއްސަލަފުން ޝާއިއުކުރި ލިޔުމުގެ އަސްލާއި އެއްގޮތަށެވެ. ޚަބަރުގެ އަސްލު ވިދާޅުވުމަށް:

 

http://www.jamiyyathsalaf.com/1739/

 

 

މިއަދު އޮންލައިން