ހިތަށް އެރިހާ ގޮތަކަށް ތިއަ އުޅެނީ މަރުވެ ވަޅުލެވުމުން ކުރިމަތިލާންޖެހޭނެ މި ބިރުވެރި ކަންކަމަށް ކެތްކުރެވޭނެތީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ހިތަށް އެރިހާ ގޮތަކަށް ތިއަ އުޅެނީ މަރުވެ ވަޅުލެވުމުން ކުރިމަތިލާންޖެހޭނެ މި ބިރުވެރި ކަންކަމަށް ކެތްކުރެވޭނެތީ ހެއްޔެވެ؟

އިންސާނާ މަރުވެ ހަށިގަނޑު ކައްވަޅުގައި ވަޅުލުމުން ނުބައިކޮށް އުޅުނު މީހުންނަށް ބިންގަނޑު ބުނާނެތެވެ. އޭ ﷲ ގެ އަޅާއެވެ. ﷲ ތަޢާލާ ތިބާ އުފައްދަވައި ބިމުގައި ލެއްވެވުމުން ހިތަށް އެރިހައި ގޮތަކަށް އުޅުނީ މަރުވެ ވަޅު ނުލެވޭނެ ކަމަށް ބަލައިގެން ހެއްޔެވެ؟ އަހަރެން ކަލެއަށް އިންތިޒާރު ކުރާތާ ހާދަހައިވާ ގިނަ ދުވަހެއް ވެއްޖެއެވެ. މިއަދު އެންމެފަހުން ތިއައޮތީ ކައްވަޅުގައެވެ. ކައްވަޅުގައި ހުރި ގަދަފަދަ ވޭނާއި އަޒާބު ބަލައި ލިބިގަންނަން އޮންނާށެވެ. 

އެހެން ބުނުމަށްފަހު ހަށިގަނޑު ފިއަތައިލާނެއެވެ. ކިހައިވަރަކަށްކަން އެނގޭ ހެއްޔެވެ؟ ހަށިގަނޑުގެ ދެ ފަރާތުގެ ކަށިތައް އެއްފަރާތުން އަނެއްފަރާތަށް ނުކުންނަވަރަށެވެ. އެކަމުގެ މިސާލު ދައްކަވަމުން ރަސޫލް (ޞޢވ) ވަނީ ކަނައަތްޕުޅުގެ އިނިގިލިފުޅުތައް ވައަތްޕުޅުގެ އިނިގިލިފުޅުތަކުގެ ތެރެއަށް މައްސަވައިލައްވަވައިފައެވެ. 

އެކަމުން މީހާއަށް އަޅާނެ ވޭން ނިކަން އިޙްސާސްކޮށްލައިބަލާށެވެ! އެމީހެއްގެ ފާފަތައް ގިނަ ނަމަ މިފަދައިން ފިއްތަލެވޭނެ އަދަދު އިތުރުވާނެކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. އަދި ގިނަވެގެން ފިއްތައި ލެވޭނީ ކިތައް ފަހަރުކަން އެނގެން ނެތް ކަމަށްވެސް ޢިލްމުވެރިން ބަޔާން ކުރައްވައެވެ.  

ދެން އޮތީ ތިބާ އާއި ކުރިމަތިލާންޖެހޭނެ މަލާއިކަތް ބޭކަލުންގެ ވާހަކައެވެ. އެބޭކަލުން ލޯފުޅުން ހުންނާނީ ހޮނުގެ އަލިކަން ފަދައިން އަލިކަންގަދަ ވިދުވަރެއް ނުކުނުކުމެއެވެ. އަޑުފުޅު ހުންނާނީ ގުގުރިފަދައިން ބިރުވެރިކޮށެވެ. ދަތްޕުޅުތައް ހުންނާނީ ގެރީގެ ދަޅުތަކެއް ފަދައިންނެވެ. އިސްތަށިފުޅު ދިގުކަމުން ހުންނާނީ ދެފައިތިލައާއި ހަމައަށް ފައިބައިފައެވެ. ކޮނޑުފުޅުގެ ފުޅައުމިނުގައި އެތައް މޭލެއްގެ ރާސްތާ ހުންނާނެއެވެ. އަދި މިބޭކަލުންގެ ހިތްޕުޅުގައި ކާފަރުންގެ މައްޗަށް އެއްވެސް ވަރަކަށް ރަޙްމެއް، ކުލުނެއް އޮންނަ ބޭކަލުންނެއް ނޫނެވެ. އެބޭކަލުންގެ ހިތްޕުޅުގައި ރަޙްމާއި ކުލުނު އޮންނާނީ ހަމައެކަނި ހެޔޮލަފާ މުސްލިމުންގެ މައްޗަށެވެ. 

ތިއްބަވާނީ މަރުތޭލައެއް ހިއްޕަވައިގެންނެވެ. އެއިގެ ސައިޒު އެނގޭހެއްޔެވެ؟ ދުނިޔޭގައި އުޅޭ އެންމެން ވެގެން ގުޑުވާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެންމެ މިލިމީޓަރެއްވެސް ގުޑުވައެއް ނުލެވޭނެއެވެ. 

ތިބާ އާއި ސުވާލުކުރައްވަވާނީ އެބޭކަލުންނެވެ. ތިބާގެ ކަލަކީ ކޮބައިތޯއެވެ؟ ދީނަކީ ކޮބައިތޯއެވެ؟ ރަސޫލަކީ ކޮބައިތޯއެވެ؟ މިއީ މަސްތުވެގެން ތިބޭ މީހުންނަށްވެސް މިދުނިޔޭގައި ނުހަނު ފަސޭހައިން ޖަވާބު ދެވޭނެ 3 ސުވާލެވެ. ނަމަވެސް އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކޮށްފައި ނުވާނަމަ ކައްވަޅުގައި އެއްވެސް މީހަކަށް ޖަވާބެއް ނުދެވޭނެއެވެ. 

ވީމާ ކައްވަޅަށް ދިއުމަށް ތައްޔާރު ނުވެ ހުއްޓައި ކައްވަޅަށް ދާންޖެހިއްޖެނަމަ ކުރިމަތިލާންޖެހޭނެ މައްސަލަތަކަށް ވިސްނައިލާށެވެ! ނަމާދުކުރުމާއި އެހެނިހެން އަޅުކަންތައްވެސް ނުކޮށް ޣާފިލުވެގެން ހުއްޓައި މަރުވެއްޖެނަމަ ކުރިމަތިލާންޖެހޭނެ ބިރުވެރި ޙާލަތާއިމެދު އިތުރަށް ވިސްނައިލާށެވެ! އަބަދުވެސް ތައުބާވެ، ﷲ ތަޢާލާ އެންގެވި މަގުގައި ސާބިތުވެ ހުރުމަކީ މުހިންމު ކަމަކަށް ވަނީ މިސަބަބަށްޓަކައެވެ. މަރުވެ ކައްވަޅަށް ދާންޖެހޭނެ ވަގުތު ނުއެނގޭތީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން