4،900 އަށްވުރެ ގިނަ ދަރިވަރުންނާއެކު މަތީ ސާނަވީ އިމްތިޙާނު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
4،900 އަށްވުރެ ގިނަ ދަރިވަރުންނާއެކު މަތީ ސާނަވީ އިމްތިޙާނު ފަށައިފި

މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު (އޭލެވެލް) 4،900 އަށްވުރެ ގިނަ ދަރިވަރުންނާއެކު ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި އިމްތިޙާނުތައް ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި ރާއްޖޭގެ 53 ސެންޓަރަކުން ޖުމްލަ 4،973 ދަރިވަރުން ބައިވެރިވެއެވެ. މީގެއިތުރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށް 2،263 ދަރިވަރުން ވަނީ ހަމަޖެހިފައެވެ. އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ތަފްޞީލަށް ބަލާއިރު، މާލެ ސަރަޙައްދުގެ 4 ސެންޓަރަކުން 3،284 ދަރިވަރުން އަދި އަތޮޅުތަކުގެ 49 ސެންޓަރަކުން 1،689 ދަރިވަރުން އިމްތިޙާނު ހަދާނެއެވެ.

މަތީ ސާނަވީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، މާލެ ނުހިމަނައި އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 އަށް ކިޔަވައިދޭ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ޚާއްޞަ ޕައިލެޓް ޕްރޮގްރާމެއް ވަނީ ފައްޓަވާފައެވެ. މި ޕްރޮގްރާމާއެކު އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ.

އެގޮތުން، 2023 ވަނަ އަހަރު 6،700 ދަރިވަރުން އޯލެވެލް ނިންމިއިރު އޭލެވެލްއަށް ވަދެފައިވަނީ 2،100 ދަރިވަރުންނެވެ. ނަމަވެސް، 2025 ވަނަ އަހަރު 6،500 ދަރިވަރުން އޯލެވެލް ނިންމިއިރު، އޭލެވެލްއަށް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު ވަނީ 3،200 އަށް އިތުރުވެފައެވެ. އަދި މިއަހަރު އޭލެވެލް އިމްތިޙާނު ހަދާ ދަރިވަރުންގެ އަދަދު 4،000 އިން މައްޗަށް އަރާފައިވާކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިއަދު އޮންލައިން