ޤައުމީ ބޮޑެތި މަޝްރޫޢުތައް ހިންގާ ކުންފުނިތައް ހަރުދަނާކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެމީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެމްޓީސީސީއަށް ބޭރު ފައިސާ ލިބޭނެ މަގުތައް ފަހިކޮށްދޭންޖެހޭ ކަމަށެވެ. އަދި މާ ލަސްތަކެއްނުވެ، އެމްޓީސީސީން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައާއި ބޭރުން ގެންނަންޖެހޭ އެހެނިހެން ތަކެތި ގެނެސް، ރަށްރަށުގެ ބަނދަރު ހެދުމާއި، ބިންހިއްކުމުގެ އިތުރުންވެސް އެކި މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، އެމްޓީސީސީގައި މިހާރު އޮތް "މަހާ ޖައްރާފު" އަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނެވޭނެކަމަށް އުންމީދުކުރައްވައެވެ. އެއާއެކު، މިހާތަނަށް މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގެ ބިންހިއްކުމުގެ މަޝްރޫޢުތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާނެއެވެ.
"ބިލްތަކަށް ސަރުކާރުންދޭ ފައިސާގެ އިތުރަށް އަމިއްލަ ކެޕޭސިޓީ ބޮޑުކޮށްދިނުމަށް ބޭނުންވަނީ،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މަގުހަދާ ކުންފުނި (އާރްޑީސީ) މިހާރު އެމްޓީސީސީއާ އެއްކޮށްލާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަގުހެދުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި އައު މެޝިނަރީޒްވެސް ހޯދައިދެވިފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް ދެތިން މަހެއްހާ ތެރޭގައި އެ މަސައްކަތްތައް އަމަލީގޮތުން ފެށިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްރޫޢުތަކުގެ ސްޕީޑަށް މިހާރު ގެންނަވަމުންދާ ބަދަލުތަކާއެކު، 2027 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ ވަރަށް ގިނަ މަޝްރޫޢުތައް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.