ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަޤްބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތެއް ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 57ސ
ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަޤްބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތެއް ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި

ދިވެހިރާއްޖެއަށް ޚާއްޞަވެގެންވާ ޤުދުރަތީ ޗާލޫކަމާއި، ވަކިވަކި ސަޤާފީ ސިފަތަކާއި އަދި ދިވެހިންގެ މެހެމާންދާރީ ރައްކާތެރިކުރުމާއެކު، ސުމޭކީ އީޖާދުތަކާއި ހުނަރު ތަރައްޤީކުރުމުގެ ޒަރީޢާއިން ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަޤްބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތެއް ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ފަތުރުވެރިކަން އަލުން ބައްޓަންކުރުމަށް ސުމޭކީ އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް، މި ޝިޢާރުގެ ދަށުން ފާހަގަކުރާ 2026 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ފަތުރުވެރި މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރުމުގައި އަގުނުކުރެވޭފަދަ މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ، ދިވެހި ފަތުރުވެރިކަމުގެ ކާމިޔާބީގެ އެންމެހައި ހިއްސާދާރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމީ ތަރައްޤީގައި މި ސިނާޢަތުގެ މުހިންމު ޙިއްޞާއަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމަކީ އާންމު ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ރާއްޖޭގެ ރަށްރަށުގައި އެތައް ފުރުޞަތުތަކެއް ފަހިކޮށްދީ، އަދި ރާއްޖޭގެ އައްސޭރިތަކަށް ޒިޔާރަތްކުރި އެތައް މިލިއަން ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ބަދަހިކޮށްދިން މައި ބާރުކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިން މަންޒިލުތައް ހޯދައި ދެނެގަތުމާއި، ދަތުރުތައް ރޭވުމާއި، އަދި ފަތުރުވެރިކަމުގެ ތަޖުރިބާތައް ލިބިގަންނަ ގޮތް ބަދަލުކޮށްލުމުގައި ސުމޭކު ފަންނިއްޔާތާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ވެށްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބައްލަވާލައްވާފައިވެއެވެ. އަދި މިފަދަ ކުރިއެރުންތަކަކީ ފަތުރުވެރިންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ފަތުރުވެރި މަންޒިލުތަކުގެ ވާދަވެރިކަން ވަރުގަދަކުރުމަށް ލިބޭ އައު ފުރުޞަތުތަކެއްކަމުގައި އެ މަނިކުފާނު ބަޔާންކުރެއްވިއެވެ.

މި ކަންކަމަށް ރިޢާޔަތްކުރައްވައި، ދިވެހި ތަޖުރިބާގެ އަސްލު ކަމުގައިވާ އަމިއްލަވަންތަކަމާއި މެހެމާންދާރީ ރައްކާތެރިކުރަމުން، ހަލުވިކަމާއެކު ސުމޭކީވަމުން އަންނަ ދުނިޔެއެއްގައި ކުރިއަރައި ދިއުމަށްޓަކައި، ސުމޭކީ އީޖާދުތަކަށާއި، ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ވުނަކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންގެ މެހެމާންދާރީގެ އަސްލު ކަމުގައިވާ އިންސާނީ ގާތްކަމުގެ ޖާގަ ފަންނިއްޔާތަށް ދިނުމުގެ ބަދަލުގައި، ފަންނިއްޔާތު ވާންވާނީ އެ ޚިދުމަތްތައް ފުރިހަމަކޮށްދޭ އެހީތެރިއަކަށް ކަމަށެވެ. އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހިރާއްޖެއަކީ އެންމެ ކުރީ ސަފުގެ ވާދަވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި، މެދުކެނޑުމެއްނެތި އީޖާދީ ވިސްނުންތައް ގެންގުޅުމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމާއި، އަދި އިންސާނީ ވަސީލަތްތަކަށް ވުނަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި މެސެޖުގައިވެސް، ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަޤްބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތެއް ބިނާކުރުމަށްޓަކައި ސުމޭކީ ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން އެ މަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

މިއަދު އޮންލައިން