ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ރާއްޖޭގައި މިހާތަނަށް 709 މީހުން ފަރުވާ ހޯދައި އެ އާދަ އެއްކޮށް ދޫކޮށްލާފައިވާއިރު، އެކަމަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ 24 ގަޑިއިރުގެ ހޮޓްލައިން މެދުވެރިކޮށް 877 މީހުން ޚިދުމަތް ހޯދާފައިވާކަމަށް ޞިއްޙީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދުންފަތާ ދުރުވާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭގެ 3 ހޮސްޕިޓަލަކާއި އަތޮޅުތަކުގެ 48 ތަނެއްގައި މިހާރު ވަނީ ޓޮބޭކޯ ސެޒޭޝަންގެ ޚިދުމަތް ހަމަޖައްސާފައެވެ. ޞިއްޙީ ދާއިރާއިން ފާއިތުވި 3 އަހަރުގެ ތެރޭގައި މީހުން ބިނާކުރުމާއި އައު ޚިދުމަތްތައް ތަޢާރަފްކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން، މި ސެޒޭޝަން ކްލިނިކްތަކުގައި ފަރުވާދިނުމަށް 840 ޞިއްޙީ ޚިދުމަތްތެރިން ވަނީ ތަމްރީނުކޮށްފައެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން ފާއިތުވި ދުވަސްތަކުގައި ވަނީ ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ޤާނޫނާއި އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާހު ގެނެސް، ވޭޕްކުރަން ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
ހަމައެއާއެކު، ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމުގެ ގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ސިނގިރެޓު މަނާކުރުމަށްޓަކައި 'ޖެނެރޭޝަނަލް ބޭން' އެއް ތަންފީޒުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.