ކަސްޓަމްސްގެ މާލީ ޒިންމާ ވަކިކުރުމަކީ މުއައްސަސާތައް ޖަވާބުދާރީ ކުރުވަން ގެންނަ މުހިންމު ބަދަލެއް: ވަޒީރު އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
ކަސްޓަމްސްގެ މާލީ ޒިންމާ ވަކިކުރުމަކީ މުއައްސަސާތައް ޖަވާބުދާރީ ކުރުވަން ގެންނަ މުހިންމު ބަދަލެއް: ވަޒީރު އިޙްސާން

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މާލީ ކަންކަމާ ގުޅުންހުރި ޒިންމާތައް ވަކިކޮށް، އެ އިދާރާއަކީ ސައްތައިން ސައްތަ ޤާނޫނު ތަންފީޒުކުރާ މުއައްސަސާއަކަށް ބަދަލުކުރުމަށް ގެންނަ ބަދަލަކީ، ޒަމާނީ ތަރައްޤީއާ އެކު މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ގެންނަ މުހިންމު ބަދަލެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ކަސްޓަމްސްގެ ޒިންމާތަކަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި، މިހާރު ކަސްޓަމްސްއިން ބަލަހައްޓަމުންދާ ފައިސާއާ ގުޅޭ ކަންކަން މާލީ ކަންކަމާބެހޭ ވުޒާރާގެ މިންގަނޑުތަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބަދަލުގެ ދެވަނަ ފިޔަވަހީގައި ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެސް، ކަސްޓަމްސްގެ ފޯކަސް އެއްކޮށް ޤާނޫނު ތަންފީޒުކުރުމަށާއި ބޯޑަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަދަލުކުރެވޭނެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިފަދަ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށްޓަކައި ޢަމަލުކުރަމުންދާ ޒަމާނީ އުސޫލެކެވެ.

"މިކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ބަދަލެއް. ޒަމާނީ ތަރައްޤީއާ އެކުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިފަދަ މުއައްސަސާތަކުގައި މި ދެ ޒިންމާ އޮފްބެލެންސްކުރޭ. ސަބަބަކީ އެއްބަޔަކު އަނެއް ބަޔަކަށް އެކައުންޓަބަލް ކުރުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މީގެ ތަފްސީލުތައް ވަރަށް އަވަހަށް ކަސްޓަމްސްގެ މުވައްޒަފުންނަށް ހިއްސާކުރާނަން. އަދި ގާނޫނުގައި އަންނަ ބަދަލުތައް އަޅުގަނޑުމެން ދާނީ ދިރާސާކުރަމުން،" ވަޒީރު ވިދާޅުވިއެވެ.

ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކަސްޓަމްސްއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރަކީ ކަސްޓަމްސްއިން ހަރުދަނާ މަސައްކަތްތަކެއްކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދި ދުވަސްވަރެއް ކަމަށެވެ. ޚާއްޞަކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތުމުގައި ކުރީގެ އަހަރުތަކާ އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދާ ކަމަށާއި، އިންޓެލިޖެންސަށް ބިނާކޮށް މިފަދަ އޮޕަރޭޝަންތައް ހިންގުމަކީ ޤާނޫނު ތަންފީޒުކުރާ ޒަމާނީ އިދާރާއެއްގެ މުހިންމު ސިފައެއް ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން