އޮކްޓޫބަރު މަހު ދައުލަތުގެ ޚަރަދުތައް %5.9 ދަށްވެ، 35 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އޮކްޓޫބަރު މަހު ދައުލަތުގެ ޚަރަދުތައް %5.9 ދަށްވެ، 35 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިއަހަރުގެ އޮކްޓޫބަރު މަހު ދައުލަތުގެ ޚަރަދުތައް %5.9 ދަށްވެފައިވާއިރު، އަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 35 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި، މިއަހަރުގެ އޮކްޓޫބަރު މަހު ދައުލަތުގެ ޖުމްލަ ޚަރަދުތައް ހުރީ 3.6 ބިލިޔަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ޚަރަދުކޮށްފައިވަނީ 3.8 ބިލިޔަން ރުފިޔާއެވެ.

މި މުއްދަތުގައި ހިނގި ޚަރަދުތަކުގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި ސަރުކާރުން ހޭދަކޮށްފައިވަނީ 3 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރިކަރަންޓް ޚަރަދުތައް 3.1 ބިލިޔަން ރުފިޔާގައި ހުރުމުން، މިއީ %3 ގެ ދަށްވުމެކެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ކަންކަމަށެވެ. އެގޮތުން އެ ބަޔަށް 1.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 1.9 ބިލިޔަން ރުފިޔާގައެވެ. މީގެ އިތުރުން މުވައްޒަފުންގެ މުސާރަ ދިނުމަށް މިއަހަރުގެ އޮކްޓޫބަރު މަހު 1.3 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، އޮކްޓޫބަރު މަހު ހޭދަކޮށްފައިވަނީ 542 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކެޕިޓަލް ޚަރަދުގެ ގޮތުގައި 677 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާތީ، މިއީ %24.9 ގެ ދަށްވުމެކެވެ.

ޚަރަދުތައް ދަށްވި ނަމަވެސް، ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ %6 އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 32 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ ވަނީ 35 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

މިއަދު އޮންލައިން