މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީކުރުމުގެ ގޮތުން، އެ މުއައްސަސާގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މި ވަސީލަތްތައް އިފްތިތާޙުކޮށްފައިވަނީ ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
އަލަށް ތަޢާރަފްކުރި ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކޮށްފައިވާ އެއްޗެކެވެ. އަދި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޑްރޯންތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ކަސްޓަމްސް ކޮންޓްރޯލްޑް ސަރަޙައްދު ބެލެހެއްޓުމާއި ބޮޑީވޯން ކެމެރާތަކުގެ އަލީގައި ތަޙުޤީޤުތަކަށް ގެނެވުނު ކުރިއެރުމަކީ އަދުގެ ޒަމާނީ ކަސްޓަމްސް މުއައްސަސާތަކުގައި ހުންނަންޖެހޭ ސިފައެއް ކަމަށެވެ. އަދި ޑްރޯންގެ ޒަރީޢާއިން ޢާންމުކޮށް ނުދެވޭ ހިސާބުތަކަށް އަވަހަށް ދެވި، އޮޕަރޭޝަންތަކަށް ބޭނުންވާ ގައިޑަންސާއި އިންޓެލިޖެންސް މަޢުލޫމާތު އެއްކުރުމުގެ ފުރުޞަތު ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ސަރަޙައްދަށް ވަދެނިކުމެ ހަދާ ބޯޓުފަހަރާއި އުޅަނދުފަހަރު ބެލެހެއްޓުމަށާއި، ކަނޑުމަތީގައި ހިނގާ ނުރައްކާތެރި އޮޕަރޭޝަންތައް މޮނިޓަރ ކުރުމުގައި މި ވަސީލަތްތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ބޮޑީވޯން ކެމެރާ ބޭނުންކުރުމަކީ ހަމައެކަނި އޮޕަރޭޝަނަލް އިންޓެގްރިޓީ ހިފެހެއްޓުން ނޫން ކަމަށާއި، އެއީ ކަސްޓަމްސްގެ މުވައްޒަފުންގެ އިންޓެގްރިޓީ ހިފެހެއްޓުމަށްވެސް މުހިންމު ވަސީލަތެއް ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ، އަލަށް ތަޢާރަފްކުރެވުނު މި ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމްސްގެ ކޮންޓްރޯލް ސަރަޙައްދުތައް ބެލެހެއްޓުން އިތުރަށް ވަރުގަދަވެ، މުއައްސަސާއަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ.
ކަސްޓަމްސްގެ އަހަރީ ދުވަހުގެ މި ރަސްމިއްޔާތުގައި އެ މުއައްސަސާގެ 136 އަހަރުވީ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ”އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު“ މި ފޮތް ވަނީ ނެރެފައެވެ.
މީގެ އިތުރުން، ޚިދުމަތުގައި ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން 4 އޮފިސަރަކަށް ’ރައީސުލްޖުމްހޫރިއްޔާގެ ކުލަ‘، 20 އަހަރު ޚިދުމަތްކުރެއްވި 29 އޮފިސަރަކަށް ރަން ބެޖު އަދި 28 އޮފިސަރަކަށް ކޮމިޝަނަރ ޖެނެރަލްގެ އެވޯޑު ވަނީ އަރުވާފައެވެ.