ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ތަޢާރަފު ނުކުރިނަމަ ދިވެހިރާއްޖެ އޮންނާނީ ބިރުވެރި ޙާލަތަކަށް ގޮސްފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ވެރިކަން ހިންގުމުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވެވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރޭގެ މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި މިހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ދަޢުލަތުގެ ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.
ޒުވާނުންގެ ދުޅަހެޔޮކަމާއި ސަރުކާރުން ގެންގުޅުއްވާ ޕްރިވެންޓިވް ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަކީ ޤައުމަށްޓަކައި އަންޕޮޕިއުލާ ޑިސިޝަންސް (އާންމުން ނުރުހޭ، ނުވަތަ ގިނަ ބަޔަކު އެކަމަކާ ދެކޮޅުހަދާ ފަދަ ނިންމުންތައް) ނަންގަވާ ބޭފުޅެއްކަމުގައި ވިދާޅުވިއެވެ. މި ސުރުޚީގައި އެމަނިކުފާނު ވަނީ، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ނިންމެވި ނިންމެވުމާ ދެކޮޅަށް ރިޒޯޓު އިންޑަސްޓްރީގެ ބޮޑުން ވާހަކަދައްކާފައިވާ ކަމަށާއި އެގޮތުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާކުރުމަކީ އެކަމުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެކަމެއްގެ ގޮތުގައި މަޝްވަރާދީފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެފަދައިން ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭނަކީވެސް އެފަދަ އަންޕޮޕިއުލާ ޑިސިޝަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ތަޢާރަފު ނުކުރިނަމަ ކަންވެގެންދާނެގޮތުގެ މިސާލެއް ޖައްސަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭޕް މަނާ ނުކުރިނަމަ އެންމެ ތުއްތު ކުއްޖާވެސް ސްކޫލަށް، ޤުރުއާން ކްލާހަށް، ކުޅެން ނޫންނަމަ އެހެންތާކަށް ދިޔަޔަސް ގޮސް ވަދެވޭނީ މުޅިން ނުބައި މާހައުލަކަށް ކަމުގައި ވިދާޅުވިއެވެ. ހަމައެގޮތަށް ޖެނެރޭޝަނަލް ބޭންވެސް އަންޕޮޕިއުލާ ކަމަކަށްވިޔަސް، އެކަން ކުރެއްވީ ދުންފަތުގެ އިސްތިޢުމާލު ކުރަން ނުފަށާ ކުދިންނަށް، އަދި އެކަމަށް ހުށަނޭޅޭ ކުދިންނަށް ކުރީބައިގައި އެކަން މަނާކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަކީ މިކަން މަނާކުރި ފުރަތަމަ ޤައުމު ކަމަށާއި މިއާއެކުގައި މިހާރު އެހެން ޤައުމުތަކުން ރާއްޖެ މިސާލަކަށް ބަލައި، އެކަން އެގޮތަށް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ. ރާއްޖެއިން މިކަންކަމުގައި އެޅި ފިޔަވަޅުތަކާއި ގާތަށްވެސް އެހެން ޤައުމުތަކުން އެކަންކަމުގައި ފިޔަވަޅު އަޅަން ފަސްޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމަކަށްވިޔަސް އަޅުގަނޑުމެންގެ ހިތް މާބޮޑު ކަމަށާއި، އިޚުލާސްތެރިކަން ބޮޑުކަމަށާއި ޤައުމުދެކެވާ ލޯބި މާބޮޑު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ބޭނުންވަނީ ޤައުމަށްޓަކައި، ޤައުމުގެ މުސްތަޤުބަލަށްޓަކައި ކަންކަން ކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިވަގުތު އެކަންކަމަކީ ބައެއް މީހުންނަށް އެހާ ޕޮޒިޓިވް ނޫނީ ޕޮޕިއުލާ ކަމެއްގެ ގޮތުގައި ޤަބޫލުނުކުރެވުނަސް، އެއީ އަންނަންއޮތް ޖީލުތަކަށް އޭގެ ފައިދާވާނެ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.