ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ހަކުރުބަލި ކޮންޓްރޯލްކުރުމުގެ އާ ޕްރޮޓޮކޯލެއް ތައާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ހަކުރުބަލި ކޮންޓްރޯލްކުރުމުގެ އާ ޕްރޮޓޮކޯލެއް ތައާރަފުކޮށްފި

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން ރާއްޖޭގައި ހަކުރުބަލި މެނޭޖްކުރުމަށް ޚާއްސަ އާ ޕްރޮޓޮކޯލެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ބޭއްވި ޚާއްސަ ފޯރަމެއްގައި މި ޕްރޮޓޮކޯލް އިފްތިތާހުކޮށްދެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާގެ ބަދަލުގައި އެ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރު ގީލާ ޢަލީއާއި، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕޭޑަންއެވެ. މި ފޯރަމް ކުރިއަށްގެންގޮސްފައިވަނީ "ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" މި ޝިއާރުގެ ދަށުންނެވެ.

މި ޕްރޮޓޮކޯލްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހަކުރުބައްޔާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، މި ބަލިން ރައްކާތެރިވުމަށް ޤައުމީ ފެންވަރުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަކުން ވެސް އެއްހަމައެއްގެ ދަށުން އަދި މެދުނުކެނޑި ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމުގެ އުސޫލުތައް ތަންފީޒުކުރުމަށް މި ޕްރޮޓޮކޯލްގެ ދަށުން ވަނީ ކަނޑައަޅާފައެވެ.

ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ގީލާ ޢަލީ ވިދާޅުވީ، މި ޕްރޮޓޮކޯލްގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ކަމާގުޅުންހުރި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އަދި ހަކުރުބަލީގެ ދުވަހާ ގުޅިގެން މިފަދަ ޕްރޮޓޮކޯލެއް ވުޖޫދަށް ގެނައުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ފޯރަމްގެ ތެރެއިން ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި، ކޮންސަލްޓެންޓުން އަދި ކަމާގުޅޭ ޖަމުއިއްޔާތަކުގެ މަންދޫބުން ބައިވެރިވި ޕެނަލް މަޝްވަރާތަކެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަކުރުބަލިން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށާއި، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތައް ކުޑަކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.

މިއަދު އޮންލައިން