މަރްޔަމް ސާޖިދާ
މުސްލިމެއްގެ ގޮތުގައި މުސްލިމު އާއިލާއަކަށް އުފަންވުމީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. މުސްލިމު އާއިލާއަކަށް އުފަންވުމުގެ ސަބަބުން، ރިވެތި އިސްލާމީ ނަމަކާއި، މުސްލިމުންގެ ޘަޤާފަތާއި ހަމައެހެންމެ އަޅުކަންކުރުމަށް ފަހި މާހައުލެއް ލިބިގެންދެއެވެ.
އެހެންކަމާއިއެކުވެސް މުސްލިމެއްގެ ގޮތުގައި އުފަންވި ނަމަވެސް، ކޮންމެ މީހަކުވެސް އަމިއްލައަށް އިސްލާމްދީން ހޯދައި ދަސްކުރަންޖެހެއެވެ. ޙަޤީޤީ އީމާންތެރިކަމަކީ ހަމައެކަނި ތަރިކައަކުން ލިބޭ ނުވަތަ ވާރުތަކުރާ އެއްޗެއް ނޫނެވެ. އެއީ ތިމާގެ ހިތުގެ އަޑިން ޤަބޫލުކުރާ ޤަބޫލުކުރުމެކެވެ.
ގިނަފަހަރަށް، ތިމާ އުފަންވެ ބޮޑުވާ އާއިލާގެ ތެރެއިން ފެންނަ ފަދައިން، ނަމާދުކޮށް، ރޯދަހިފި ނަމަވެސް، އެކަންކަމުގެ ފުން މާނައާއި މަޤްޞަދާއި މެދު އަހަރަމެނަށް ވިސްނާލެވެނީ މަދުފަހަރެއްގައެވެ. އެހެންކަމުން، އަހަރަމެންނަކީ ހަމައެކަނި އަހަރަމެންގެ ކާބަފައިންގެ ފަރާތުން ދީނުގެ އަޅުކަންތައް ވާރުތަވީތީ ކުރާބަޔަކަށް ވުމުގެ ބަދަލުގައި، އިސްލާމްދީން އުނގެނި ދަސްކުރާ ބަޔަކަށް ވާންޖެހެއެވެ. ކީރިތި ޤުރުއާނުގެ މާނަ ދަސްކޮށް، ﷲތަޢާލާގެ ކުޅަދުންވަންތަކަމާއިމެދު ފުންކޮށް ވިސްނައިލުމުން، ހިތަށް ލިބޭ ހަމަޖެހުމަކީ މުޅިން ތަފާތު އިޙުސާސެކެވެ.
އިސްލާމްދީނަކީ ހަމައެކަނި، ކުރުމަށް އަންގަވާފައިވާ ކަންތައްތަކެއް ނުވަތަ ނުކުރުމަށް އަންގަވާފައިވާ ކަންތައްތަކުގެ ލިސްޓެއް ނޫނެވެ. އެހެނަސް އެއީ އިންސާނާގެ މުޅި ދިރިއުޅުމުގެ ނިޒާމެވެ. އެހެންކަމުން، ތިމާގެ އަމިއްލަ ހިތުން ﷲ ތަޢާލާ އިޚްތިޔާރުކޮށް، އެކަލާނގެއަށް ލޯބިވުމުން، އަޅުކަންތައްތަކަކީ ބުރައަކަށްނުވެ، ހިތަށް ހަމަޖެހުމާއި އީމާންކަމުގެ ޙަޤީޤީ ފޮނިކަން އިޙުސާސްވެގެންދެއެވެ.
އިސްލާމްދީނަކީ ހަމައެކަނި ކާބަފައިންގެ ފަރާތުން ވާރުތަވި އެއްޗެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އެއީ ކޮންމެ ދުވަހަކު ހޯދައި ދަސްކޮށް، އަމިއްލަ ހިތުން ބަލައިގަންނަންޖެހޭ ނޫރެކެވެ. އިސްލާމްދީނަކީ ބުއްދީގެ ބޭނުންކުރުމަށާއި، ކަންކަމާއިމެދު ފުންކޮށް ވިސްނާ ފިކުރުކުރުމަށް ބާރުއަޅާ ދީނެކެވެ. އެހެނީ، ކީރިތި ޤުރުއާނުގައި، "އެބައިމީހުން ފަހެ ނުވިސްނަނީ ހެއްޔެވެ؟" ނުވަތަ"އެބައިމީހުން ފަހެ ފިކުރު ނުކުރަނީ ހެއްޔެވެ؟" މިފަދައިން އެތައް އާޔަތެއްގައި އައިސްފައިވެއެވެ. އެހެންކަމުން، ދީނުގެ ކަންކަމާއިމެދު ސުވާލު އުފެދި، އެކަންކަމުގެ ޞައްޙަ މަޢުލޫމާތު ލިބުމަކީ އީމާންކަން ވަރުގަދަވެ ހަރުދަނާވެގެންދާނެ ކަމެކެވެ.
އަހަރަމެން ޖަހާ ކޮންމެ ސަޖިދައަކާއި، ކުރާ ކޮންމެ ދުޢާއެއްގެ ފުރިހަމަ ލައްޒަތާއި އީމާންކަމުގެ ޙަޤީޤީ ފޮނި ރަހަ އިޙުސާސްކުރެވޭނީ، އަހަރަމެންގެ ދީން އަހަރަމެން އުނގެނި ދަސްކުރި މިންވަރަކުންނެވެ.
- މިއަދުނޫސް