- ސިއުޒާ
ދުވަހަކުވެސް އުޑުން ނުހުޅުވޭ ދޮރުކޮޅެއް-
ދުވަހަކުވެސް އުޑުން ނުހުޅުވޭ ދޮރުކޮޅެއް ވެއެވެ. އެ ދޮރުކޮޅު ހުޅުވުނީ ވަކި ޚާއްސަ މަލާއިކަތް ބޭކަލަކަށްޓަކައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ޖިބްރީލް އަލައިހިއްސަލާމް ވަނިކޮށް އުޑުން އަޑެއް އިވުނު ހިނދުގައި އެކަލޭގެފާނު މައްޗަށް ބައްލަވާލެއްވިއެވެ. ޖިބްރީލްގެފަނު ވިދާޅުވަނީ އެއީ މީގެ ކުރިން ދުވަހަކުވެސް ހުޅުވިފައި ނުވާ ދޮރުކޮޅެކެވެ. އެ ދޮރުކޮޅުން ފައިބާވަޑައިގެންނެވީ އޭގެ ކުރިން ދުވަހަކުވެސް ބިންމައްޗަށް ފައިބާވަޑައި ނުގަންނަވާ މަލާއިކަތް ބޭކަލެކެވެ.
އެބޭކަލަކު ވަޑައިގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވިދާޅުވަނީ ( އަބްޝިރް ބި ނޫރައިނި) "ކަލޭގެފާނަށް ތިމަންކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވަމޭ ދެ ނޫރެއްގެ. ދެ ނޫރެއްގެ، ދެ އަލިކަމެއްގެ" ކޮބައިތޯ؟
(ލަމްޔުތްހަ ނަބިއްޔުން ޤަބްލަކް) " އޭގެ ކުރިން އެހެން އެއްވެސް ނަބިއްޔަކަށް ނުދެއްވާ ދެ އަލިކަމެއް ދެ ނޫރެއްގެ ވާހަކައިން." ކޮބައިތޯ އެއީ؟
ވިދާޅުވަނީ (އަލް ފާތިޙަ ވަޚަވާތިމް ސޫރަތުލް ބަޤަރަ) " ފާތިޙާ ސޫރަތާއި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް."
ސުބްޙާނަﷲ. މިއީ އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ވަރަށް މަތިވެރި އާޔަތްތަކެކެވެ. މި އާޔަތްތައް އަޅުގަނޑުމެން ކިޔަވާ ކަމަށް ވާނަމަ އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ނޫރެއް ދެއްވަވާނެއެވެ. އޭނާ ބޭނުންވާ ކޮންމެ ކަމަކަށް އެކަމުގެ ސަބަބުން ނޫރެއް ލައްވަވާނެއެވެ.
އެހެންމަ އަޅުގަނޑުމެން ހިތާމަތަކުގެ ހާލަތުގައި، އަޅުގަނޑުމެންނަށް ކަންކަން އުނދަގޫވާ ހާލަތުގައިވެސް ވީހާވެސް ގިނައިން އަލްޙަމްދު ( އަލް ފާތިޙާ ސޫރަތް) މި ސޫރަތް ކިޔަވަންވީ އަދި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް އަޅުގަނޑުމެން ކިޔަވަންވީއެވެ. އަޅުގަނޑުމެން ބޭނުންވާ ކޮންމެ ކަމަކަށްވެސް އެކަމުން އަޅުގަނޑުމެންނަށް ނޫރެއް ލިބިގެން ދާނެއެވެ. ފަސޭހަކަން ލިބިގެންދާނެއެވެ.
- ޝައިޚް ޢަބްދުﷲ މިފްޒާލް
- މިއަދުނޫސް