މަރްޔަމް ސާޖިދާ
ވިސްނާލައްވާށެވެ. އަހަރަމެން ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހެކެވެ. އެހެންމީހުނަށް ނޭނގޭނެހެން ކިތައް ފާފަ އަހަރަމެނަށް ކުރެވޭ ހެއްޔެވެ؟ ނުވަތަ ކުރެވިފައި ވޭހެއްޔެވެ؟ ނަމަވެސް، ހަމައެގޮތަށް، ހަމައެކަނި ތިބާއާއި ﷲ އާއި ދެމެދު ވާ ހެޔޮކަމެއް އޮތުމާމެދު ވިސްނާލެވެނީ އަހަރަމެންގެ ތެރެއިން ކިތައް މީހުނަށް ހެއްޔެވެ؟
ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި އަހަރަމެންގެ ފަތް ހުޅުވާލެވިގެންދާއިރު، މިއަށްވުރެ ވަކި ޝައުގުވެރި އެހެން ކަމެއް އޮންނާނެ ހެއްޔެވެ؟ އެއީ މާތްﷲ ގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ އުފުލިގެން ދާނެ ކަމެކެވެ.
އިސްލާމްދީނަކީ އަޅާއާއި ހެއްދެވި ފަރާތާއި ދެމެދުގައިވާ ގުޅުން އެންމެ ފުރިހަމައަށް ބައްޓަންކޮށްދޭ ދީނެވެ. އަޅުކަންތަކުގެ ތެރެއިންވެސް، އެންމެ މަތިވެރިވެގެންވާ އެއް އަޅުކަމަކީ މީސްތަކުންނަށް ސިއްރުން، ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދިގެން ކުރެވޭ ހެޔޮ އަމަލުތަކެވެ.
ސިއްރުން ކުރެވޭ ހެޔޮ އަމަލުގެ އެންމެ ބޮޑު ބޭނުމަކީ ދެއްކުންތެރިކަމުން ސަލާމަތްވުމެވެ. މީހުންގެ ތަޢުރީފާއި، މުޖުތަމަޢުގެ ލޯތްބާއި، ދުނިޔަވީ އެއްވެސް މަޤްޞަދެއް ނެތި، ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދިވަޑައިގެން ކުރެވޭ އަމަލަކީ، އިޚްލާޞްތެރިކަމުގެ އިންތިހާއެވެ. ރަސޫލާ ﷺ ގެ ޙަދީޘްފުޅުން އެނގޭ ފަދައިން، ޤިޔާމަތް ދުވަހު، ޢަރުޝީގެ ހިޔާވަހިކަން ލިބޭ ހަތް މީހުންގެ ތެރޭގައި، "އޭނާގެ ކަނާތުން ކުރެވޭ ހޭދަ ވައަތަށްވެސް ނޭނގޭހާ ސިއްރުން ޞަދަޤާތްކުރި މީހާ" ހިމެނެއެވެ.
ސަލަފުއްޞާލިހުން އެބޭކަލުންގެ ފާފަތައް ސިއްރު ކުރައްވާ ފަދައިން ހެޔޮ އަމަލުތައް ސިއްރުކުރެއްވިއެވެ.
އެހެންކަމުން، ތިބާއާއި ﷲ އާއި ދެމެދު ސިއްރެއް، ހެޔޮ އަމަލުގެ ސިއްރެއް، ބޭއްވުމަށް ޢަޒުމް ކަނޑައަޅާ މަސައްކަތް ފަށަމާ ހިންގަވާށެވެ. ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ވެސް ނޭނގޭ ފަދައިންނެވެ. ނުވަތަ މައިންބަފައިންނަށް ނުވަތަ ގާތް ރަޙުމަތްތެރިޔާއަށް ނުވަތަ އާއިލާގެ މީހުނަށްވެސް ސިއްރުންނެވެ. ހަމައެކަނި މާތްﷲ އާއި ތިބާ އާއި ދެމެދުގައެވެ.
އެއީ ކިތަންމެ ކުޑަ ހެޔޮ އަމަލެއް ވިޔަސްއެވެ. ސިއްރުން ކުރެވޭ ޞަދަޤާތެއް ނުވަތަ ދަމު ނަމާދު ނުވަތަ ކުރެވޭ ޛިކުރެއް ނުވަތަ ތިބާގެ އަޚާއަށް ނޭނގި އަޚާގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދި ކުރެވޭ ދުޢާ އެއްގެ ގޮތުގައެވެ.
އަހަރަމެން ދިރިއުޅެމުން މިދަނީ 'ދެއްކުންތެރިކަމުގެ ޒަމާނެއްގައެވެ.' ކުރާ ކޮންމެ ހެޔޮ އަމަލެއް، ކާ ކޮންމެ ކެއުމެއް، ކުރާ ކޮންމެ ދަތުރެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މީހުންގެ 'ލައިކްސް' އާއި 'ކޮމެންޓްސް' އިން އުފާ ހޯދުމަކީ މިއަދުގެ މުޖުތަމުއުގެ ސަގާފަތެވެ. އެހެންކަމުން، އެންމެންގެ ލޮލަށް ފޮރުވިގެންވާ ސިއްރު އަމަލެއް ބޭއްވުމަކީ ތިބާގެ ނަފްސް ތާހިރު ކޮށްދޭނެ ކަމެކެވެ. އާޚިރަތް ބާއްޖަވެރި ކޮށްދޭނެ ކަމެކެވެ.
- މިއަދުނޫސް