ދަރިންނަށް ޝަހާދަތް ކިޔައިދިނުމަކުން ނުފުދޭ! އެންމެ މުހިންމީ ތިމާވެސް ޢަމަލުކޮށް ޝަހާދަތުގެ މަތީގަ ދަރިން ތަރުބިއްޔަތުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދަރިންނަށް ޝަހާދަތް ކިޔައިދިނުމަކުން ނުފުދޭ! އެންމެ މުހިންމީ ތިމާވެސް ޢަމަލުކޮށް ޝަހާދަތުގެ މަތީގަ ދަރިން ތަރުބިއްޔަތުކުރުން!

ގިނަ ބައެއްގެ ޙާލަތަށް ބަލައިފިނަމަ އެނގޭނެ ކަމަކީ އޭނާގެ ހިތުގައި ޝަހާދަތް ހަރުލައިހުރިކަމެވެ. ހަނދާން ނެތިގެން ނުދަނީ ފުރަތަމަ ދަސްވި އެއްޗަކީ އެއީކަމަށްވުމެވެ. ނަމަވެސް މިއީ ސުވަރުގެ ވަނުމަށް ފުދޭވަރަކާއި ކައިރިވެސްވާން އޮތް ގޮތެއް ނޫނެވެ. ޝަހާދަތަކީ ދުލުން ކިޔުމާއިއެކު ޢަމަލުކުރަންވެސްޖެހޭ އެއްޗެކެވެ.   

ދަރިން ނިންދަވާއިރު މަންމަ ނުވަތަ ބައްޕަ ދަރިންނަށް ޝަހާދަތް ކިޔައިދެއެވެ. އެހެންކަމުން ދަރިންނަށް އެންމެ އަވަހަށް ދަސްވާ އެއްޗަކަށްވެސް ވެފައި އޮންނަނީ ޝަހާދަތެވެ! ނަމަވެސް ސުވާލަކީ އެވަރުން ފުދޭހެއްހެއްޔެވެ؟ ނުފުދޭކަން ޔަޤީނެވެ.  

ދަރިން ނިންދަވާއިރު ޝަހާދަތް ކިޔައިދޭ ފަދައިން ޝަހާދަތުގެ މަތީގައި ސާބިތުވުމަށްވެސް ހިތްވަރުދޭންވާނެއެވެ! ޢުމުރާއި ގުޅޭގޮތަށް އެންމެ ތުއްތުއިރުންސުރެ ދީނީ ނަޞޭޙަތްދޭންވާނެއެވެ. ޢުމުރާއި ގުޅޫވަރަށް ދީނުގެ ކަންކަމަށް ހޭލުންތެރިކުރުވަން ވަރަށް ބޮޑަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.  

ޝަހާދަތުގެ މަތީގައި ސާބިތުވެއްޖެ މީހާ އެވަނީ ދެ ދުނިޔެ ކާމިޔާބުކޮށްފައެވެ. ޝަހާދަތް ކިޔައިލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ބުރައީ ޝަހާދަތުގެ މަތީގައި ސާބިތުވެ ދެމިހުރުމެވެ. އަހަރެމެންގެ ތެރެއިން ގިނަ ބައަކު ފޭލްވަމުން މިދަނީ ޝަހާދަތުގެ މަތީގައި ސާބިތުނުވެވޭތީއެވެ.  

ޝަހާދަތުގެ މަތީގައި ސާބިތުވެ ހުރެވޭމީހާ ފާފަކުރަން ބިރުވެތިވާނެއެވެ. ޖެހިލުންވާނެއެވެ. އަދި ވީހާގިނައިން ހެޔޮޢަމަލުތައްކުރަން ބޭނުންވާނެއެވެ. ވީހާބޮޑަށް ﷲ ތަޢަލާއާއި ކުއްތަންވާން ގަދައަޅައި މަސައްކަތްކުރާނެއެވެ. އެކަންކަން ނުކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ދުލުން ޝަހާދަތްކީނަމަވެސް ޝަހާދަތުގެ މަތީގައެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން