އަންނަ އަހަރުގެ ބަޖެޓު ދިރާސާކޮށް ނިންމަން މި މަހުގެ 19 އަށް ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަންނަ އަހަރުގެ ބަޖެޓު ދިރާސާކޮށް ނިންމަން މި މަހުގެ 19 އަށް ފާސްކޮށްފި

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އެ މަސައްކަތް ނިންމުމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ނިންމުމާ އެކު، ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ.

މިއަދު ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި މި ތާރީޚަށް މަސައްކަތް ނިންމުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ތާއީދުކުރެއްވިއިރު، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ސީދާ އަދަދުން ބަލާނަމަ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރު ލައްކަ ސާޅީސްހާސް ހަތްސަތޭކަ ނުވަދިހަ ފަސް) ރުފިޔާއެވެ.

ހިނގަމުންދާ 2026 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްދީފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ މި ހިނގާ އަހަރުގެ ބަޖެޓަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. ކޮމިޓީން ފާސްކުރި ތާވަލާ އެއްގޮތަށް ބަޖެޓު ދިރާސާކުރުމާއި، ބަޖެޓާ ގުޅޭ ބަހުސްތައް ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގައި ހަލުވިކަމާއެކު ކުރިއަށްދާނެއެވެ.

މިއަދު އޮންލައިން