ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ތާރީޚުގައި ވެސް މިއިން ޒަމާނަކު ހޯދާފައި ނުވާފަދަ ބޮޑެތި ކުރިއެރުންތަކާއި ވަޞީލަތްތަކެއް، ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ހޯދާފައިވާ ކަމަށް އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އައި.ޔޫ.އެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވީސީ ޑރ. ޢަލީ ޒާހިރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އެ ޔުނިވަރސިޓީގެ ތަރައްޤީއަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް އަތޮޅުތެރެއަށް ޔުނިވަރސިޓީގެ ކެމްޕަސްތައް ފުޅާކުރެވި، ޔުނިވަރސިޓީގެ ހަޔާތުގައި ވެސް ނުދެކޭފަދަ ތަރައްޤީގެ ބަދަލުތަކެއް އައިސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދަރިވަރުންގެ އާބާދީއަށް އައިސްފައިވާ ހަލުވި ކުރިއެރުމަކީ، ރައްޔިތުންގެ މެދުގައި އެ ޔުނިވަރސިޓީއަށް އޮތް އިތުބާރު އިންތިހާއަށް ބޮޑުވެފައިވާކަމުގެ ހެއްކެއް ކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފާހަގަކޮށްލެވޭ ތަޢުލީމީ މުއައްސަސާއެއްގެ ހައިސިއްޔަތުން، ޤައުމަށް ބޭނުންވާނެ ހެޔޮލަފާ، ޤާބިލް ދަރިންތަކެއް ބިނާކުރުމަށްޓަކައި ވަޞީލަތްތައް އިތުރުކޮށް، ތަޢުލީމީ ފެންވަރު ފުޅާކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވީސީ ވަނީ، ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުން އެކި ދާއިރާތަކުގައި ޤައުމަށް ދެމުންދާ ޚިދުމަތްތައް ފާހަގަކުރައްވައި، ދަސްވެނިންގެ ސަބަބުން ޤައުމަށް ލިބެމުންދާ ފައިދާތަކާ ގުޅޭގޮތުން ޚާއްޞަ ދިރާސާތަކެއް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ދަސްވެނިވެގެން މުޖުތަމަޢަށް ނުކުންނައިރު، ކޮންމެ ކުއްޖެއްގެ ވިސްނުމުގައިވެސް ޤައުމީ ލޯތްބާއި މުހިންމު އުޞޫލުތަކެއް އަށަގަންނުވަންޖެހޭނެ ކަމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.