ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން، ޢުމުރުން 65 އަހަރު ފުރޭ ފަހުންވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓް (އާރްއެސްއޭ) ގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުވުމުގެ ފުރުޞަތު ފަހިކޮށްދޭ ގަވާއިދަށް ޢަމަލުކުރަން ފަށައިފިއެވެ.
މި ގެނެވުނު ބަދަލާއެކު، މީގެ ކުރިން ދިމާވަމުންދިޔަ ބޮޑު ދައްޗަކަށް ވަނީ ޙައްލެއް ލިބިގެން ގޮސްފައެވެ. ކުރިން ޢަމަލުކުރަމުން އައި އުޞޫލުގެ ދަށުން، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ޙައްޖު ޖާގަ ކަށަވަރުވާ އިރު ޢުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ޖާގަ ރިޒާވްކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރުމުގެ ހުއްދައެއް ނޯވެއެވެ. ނަމަވެސް އައު ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ޝަރުޠު ހަމަވާ ކޮންމެ ޢުމުރެއްގެ ފަރާތަކަށްވެސް މި ފުރުޞަތު މިހާރު ވަނީ ހުޅުވިފައެވެ.
މި އުޞޫލުގެ ދަށުން ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭނީ މައިގަނޑު ދެ ޝަރުޠެއް ހަމަވާ ފަރާތްތަކަށެވެ. އެގޮތުން އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336,000 ރުފިޔާ ހުންނަން ޖެހޭނެއެވެ. އަދި ބޯހިޔާވަހިކަމަށް އެކައުންޓުން ފައިސާ ރަހުނުކޮށްފައިވާނަމަ، އެ ޢަދަދު އުނިކުރުމަށްފަހުވެސް މި ޢަދަދު ހަމަވާން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އެ ފަރާތަކީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ މީހަކަށް ވާންޖެހެއެވެ.
މި ސްކީމްގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު، ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅޭނެއެވެ. ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ޙައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރުމާ ހަމައަށް އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށާއި، ވަގުތުން އެކައުންޓުން ފައިސާ އުނިވެގެން ނުދާނެއެވެ.
އަދި މި ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަން ފައިސާގެ ޢަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށާއި، ނަމަވެސް އެއްވެސް ސަބަބަކާހުރެ ރިޒަވޭޝަން ކެންސަލްވެއްޖެނަމަ އަލުން ފައިސާ ހިސާބުކުރެވޭނެ ކަމަށްވެސް ޕެންޝަން އޮފީހުން ވަނީ ހާމަކޮށްފައެވެ.