ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ޒުވާނުންގެ ވިޔަފާރި ފަންޑުގެ ދެވަނަ ފިޔަވަހި އިފްތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ޒުވާނުންގެ ވިޔަފާރި ފަންޑުގެ ދެވަނަ ފިޔަވަހި އިފްތިތާޙުކޮށްފި

ދިވެހި ޒުވާނުން ބާރުވެރިކޮށް، ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްޞަ ސިޔާސަތުގެ ދަށުން، "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ" ގެ ދެވަނަ ފިޔަވަހި ރަސްމީކޮށް އިފްތިތާޙުކޮށް، ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފެސިލިޓީގެ ދެވަނަ ފިޔަވަހި ފެށިގެން މިދިޔައީ އޮކްޓޯބަރު 24، 2026 ގައި ބޭއްވި މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މި ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުޞަތު ނޮވެންބަރު 1، 2026 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. މި ކުރިއެރުމާ ގުޅިގެން އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ މަރުޙަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ ގޮތުގައި، މި ފެސިލިޓީގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އަލަށް ވިޔަފާރި ފެށުމަށާއި މިހާރު ހިންގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. މި ސްކީމްގެ ދެވަނަ ފިޔަވަހި ފެށިގެން ދިއުމަކީ ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ދެއްވާ މަތީ ފަންތީގެ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމަށް އިޤުތިޞާދީ ވުޒާރާއިން ބަޔާންކުރެއެވެ.

މި ފެސިލިޓީގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޢުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގގެ ދަށުން 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ. މީގެއިތުރުން ފައިސާ އަނބުރާ ދެއްކުމަށް ޖުމްލަ 5 އަހަރު ދުވަހުގެ މުއްދަތެއް ލިބޭއިރު، ފުރަތަމަ 6 މަސްދުވަހަކީ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ފައިނޭންސަށް އެދި ހުށަހެޅޭނީ ބީއެމްއެލް ސްވައިޕް އެޕް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން، އެސްއެމްއީ ޑިޖިޓަލް ޕޯޓަލްގައި ހިމެނޭ މާލީ ހޭލުންތެރިކަމުގެ އޮންލައިން ޕްރޮގްރާމް ފުރިހަމަކުރަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިޤްތިޞާދީ ތަޞައްވުރާ އެއްގޮތަށް ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި އުފެއްދުންތެރި ބަޔަކަށް ހެދުމަށް ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލުން ކުރަމުންދާ މަސައްކަތްތައް އިޤުތިޞާދީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި ވީހާވެސް ގިނަ ޒުވާނުން މި ފުރުޞަތުގެ ބޭނުން ހިފައި، ޤައުމުގެ އިޤްތިޞާދުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން