ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ: މިނިސްޓަރު ޢަލީ ޝަރީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ: މިނިސްޓަރު ޢަލީ ޝަރީފް

ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ޗޮގަމް 2026) ގެ ހަވާސާގައި ކުރިއަށްދިޔަ "ބްލޫ ފައިނޭންސް އެންޑް އިނޮވޭޝަން" ސައިޑް އިވެންޓުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ޢަލީ ޝަރީފް ދެއްވައިފިއެވެ.

މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖޭގެ ކަނޑުފަޅުތައް ހިމާޔަތްކުރުމަށާއި، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި އުސޫލުތަކުގެ މަތިން ބެލެހެއްޓުމަށް ގައުމީ ފެންވަރުގައި މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޖަޒީރާ ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމަށް ކަނޑުތަކުގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދުނިޔޭގެ ފެންވަރުގައި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ 30x30 ލަނޑުދަނޑި ހާސިލުކުރުމަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. މިއީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ މަދުވެގެން 30 އިންސައްތަ ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވެފައިވާ އެއްބަސްވުމެކެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން މިނިސްޓަރު ވަނީ، ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި، މި ދާއިރާއިން އައު އީޖާދުތަކާއި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ދެމެހެއްޓެނިވި އިގުތިސާދެއް ބިނާކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފައެވެ.

މިއަދު އޮންލައިން