އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ވަގުތީ ކޮމިޓީގެ މުޤައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް އަދި ނައިބު މުޤައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހޮވައިފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މުޤައްރިރަކަށް ސަލީމް އައްޔަންކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރެއްވިއިރު، މުޤައްރިރުކަމަށް ސަލީމް ހޮވުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވަނީ އިއްތިފާޤުން ވޯޓު ދެއްވާފައެވެ. ސަލީމަކީ މިދިޔަ އަހަރުގެ ބަޖެޓު ކޮމިޓީގެ މުޤައްރިރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
މީގެއިތުރުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުޙަލާ ކުރިއަށްގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ވަނީ ވަގުތު ކަނޑައަޅާފައެވެ. އެގޮތުން ބަޖެޓު ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ފުރުޞަތެއް އެރުވުމަށް ވަނީ ނިންމާފައެވެ.
އަދި ބަޖެޓު ބަހުސްގެ ތެރޭގައި މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށްޓަކައި މާލީ ވަޒީރަށް 45 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ޢާންމު ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.