ވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމަށް ނިންމެވުމާ ގުޅިގެން، އެ ކޯޓުގެ ހުސްވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ޢާންމުކޮށް ހުޅުވާލައިފިއެވެ.
ޖޭއެސްސީން މަޢުލޫމާތު ދެއްވި ގޮތުގައި، އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަޤާމުން ރިޓަޔަރކުރެއްވުމަށް ފަނޑިޔާރު ޢަލީ ރަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެހެންކަމުން ފަނޑިޔާރުންގެ ރިޓަޔަރމަންޓް ޤަވާއިދުގެ ދަށުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު، އެމަނިކުފާނުގެ އެދިވަޑައިގަތުމާ އެއްގޮތަށް ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދެއްވުމަށް އެ ކޮމިޝަނުން މިހާރު ވަނީ ނިންމަވާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ރިޓަޔަރކުރެއްވުމާ ގުޅިގެން ހުސްވާ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް އެ މަޤާމަށް ބޭފުޅުން ހޯދުމުގެ މަސައްކަތް ޖޭއެސްސީން ވަނީ ފަށާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ މައިގަނޑު ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ:
- ޢުމުރުން 30 އަހަރު ފުރިފައިވުން.
- އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުން.
- ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި، ނުވަތަ މި ދެ ދާއިރާގައި ޖުމްލަކޮށް މަދުވެގެން 7 އަހަރު ދުވަހުގެ ޚިދުމަތާއި ތަޖުރިބާ ލިބިފައިވުން.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 08 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅަން ހަމަޖެހިފައިވަނީ ޖޭއެސްސީގެ "ފަހިރެސް ޕޯޓަލް" މެދުވެރިކޮށެވެ. މީގެއިތުރުން، އެޕްލިކޭޝަންގެ ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ސުންގަޑި ހަމަވުމުގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ފޯމު ހުށަހެޅުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ.