އިންޑަސްޓްރީގެ ކަންބޮޑުވުންތަކަށް ހައްލެއް: ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓީޖީއެސްޓީ ނުނަގާގޮތަށް ސަރުކާރުން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
އިންޑަސްޓްރީގެ ކަންބޮޑުވުންތަކަށް ހައްލެއް: ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓީޖީއެސްޓީ ނުނަގާގޮތަށް ސަރުކާރުން ނިންމައިފި

ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ) ނެގުން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހު އުނިކޮށް، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެކަން ނިންމާނެ ކަމަށް ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި މިހާރު ކުރިއަށްދާ "ވޯލްޑް ޓްރެވަލް މާކެޓް" (ޑަބްލިއުޓީއެމް) ފެއަރގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން %17 ގެ ޓީޖީއެސްޓީއެއް ނެގުމަށް ނިންމީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ލަފާގެ މަތިން ކަމަށެވެ. އެގޮތުން ޤާނޫނަށް ގެނައި ބަދަލާ އެކު، އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން އެ ނިންމުން ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި، މިހާތަނަށް 100 އަށްވުރެ ގިނަ ބޮޑެތި ޓުއަރ އޮޕަރޭޓަރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ބަދަލާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަރާތްތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހު، ކަމާބެހޭ އެންމެހައި އިދާރާތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން އެ ޓެކްސް ނުނަގާގޮތަށް އަދި ކުރިން އޮތްގޮތަށް އުސޫލު އަލުން އިއާދަކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ނިންމުން ނިންމުމަށްޓަކައި ބޭއްވި މަޝްވަރާތަކުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި، މާލީ ވުޒާރާއާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މި ދާއިރާގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓެލްތަކުން އާންމުގޮތެއްގައި ޤާނޫނުތަކާއި ގަވާއިދުތަކަށް ވަރަށް ބޮޑަށް ބޯލަނބައެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި އެކަށީގެންވާ މާކެޓު އަގުތަކެއްގައި (ފެއަރ ޕްރައިސް) ޚިދުމަތް ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަންކަން ހައްލުކޮށް ރަނގަޅުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

މިއަދު އޮންލައިން