މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކުރި 10 ފަންގިފިލާގެ ޒަމާނީ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ހަފުލާ ޝަރަފްވެރިކޮށްދެއްވައި މި އިމާރާތް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް ޤާއިމުކޮށްފައިވާ މި އިމާރާތަކީ 6,195.27 އަކަފޫޓުގެ ބިމެއްގައި، ޖުމްލަ 3,345 އަކަފޫޓުގެ ބޮޑުމިނުގައި ބިނާކޮށްފައިވާ އިމާރާތެކެވެ. މިއީ އެ ކުންފުނީގެ މާލީ ހަމަޖެހުން އިތުރުކުރުމަށާއި، މިލްކިއްޔާތުގައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ގޮތުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.
މި އިމާރާތުގައި ޤާއިމުކޮށްފައިވާ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި އިދާރީ އޮފީސްތަކާއި، ޒަމާނީ ފެންވަރުގެ ކޮންވެންޝަން ހޯލެއްގެ އިތުރުން، ގްރައުންޑް ފްލޯގައި ޚާއްސަ ކެފޭއަކާއި ބޭސްމަންޓް ޕާކިންގް ޒޯނެއް ހިމެނެއެވެ. އެމްޓީޑީސީން ހާމަކުރި ގޮތުގައި، މި އިމާރާތް ކުއްޔަށް ދީގެން ކުންފުންޏަށް މެދުނުކެނޑި އާމްދަނީ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ބިން ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 30 މޭ 2022 ގައެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތް 25 ސެޕްޓެންބަރު 2023 ގައި ހުނާން ސިކްސް އިންޖިނިއަރިން ކޮމްޕެނީއާ ޙަވާލުކޮށް، ބިންގާ އަޅާފައިވަނީ 17 ޖުލައި 2024 ގައެވެ. މިއަދު މި އިމާރާތުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމި، ވަނީ ބޭނުންކުރުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
އެމްޓީޑީސީން ފާހަގަކުރި ގޮތުގައި، މި އިމާރާތަކީ އެ ކުންފުނީގެ ކުރިމަގުގެ ތަޞައްވުރާއި، ކުރިއެރުމާއި، އަދި އިޤްތިޞާދީ ގޮތުން ކުންފުނި އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރެވޭ މަސައްކަތް ރަމްޒުކޮށްދޭ މުހިންމު ބިނާއެކެވެ.