ދައުލަތުގެ މީޑިއާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 'ޗާލު ދިވެހިރާއްޖެ އެވޯޑް 2026' ގެ އާންމުންގެ ވޯޓުލުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި އެވޯޑަށް އާންމުންގެ ވޯޓު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
'ޗާލު ދިވެހިރާއްޖެ އެވޯޑް' އަކީ މުޖުތަމައު ތަރައްގީކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ފަތުރުވެރިކަމާއި އީޖާދީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ރަށްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. މީގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް ދެމެހެއްޓުމަށާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ރަށްރަށުގެ ކައުންސިލްތަކަށާއި ރައްޔިތުންނަށް ހިތްވަރުދިނުމެވެ.
މި އެވޯޑުގެ ދެވަނަ ބުރުގެ ދަށުން، ކޮންމެ ކެޓަގަރީއަކުން ގަދަ 5 ގައި ހިމެނުނު ރަށްތަކުގެ އިވެލުއޭޝަން މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެގޮތުން ފަނޑިޔާރުންގެ ޕެނަލުން އެ ރަށްރަށަށް ޒިޔާރަތްކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ބަލައި ވަނީ މާކްސް ދީފައެވެ.
ފަނޑިޔާރުންގެ އޮން-ސައިޓް އިވެލުއޭޝަންތައް ނިމުމާ ގުޅިގެން، ވޯޓުލުމުގެ ދެވަނަ ބުރު މެދުވެރިކޮށް އެވޯޑު ހައްގުވާ ފަރާތްތައް ކަނޑައެޅުމުގައި އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.