ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 3 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން އެންމެ ފަހުން ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް 58،000 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާއިރު، މި ބޮޑު ޑިމާންޑަށް ރިއާޔަތްކޮށް މާލެ ސަރަޙައްދުގެ ތޮއްޖެހުމަށް ވަށާޖެހޭ ހައްލެއް ގެނައުމަށް އަންނަ އަހަރުގެ ބަޖެޓުން ބޮޑު ބައެއް ވަނީ ކަނޑައަޅާފައެވެ.
އަމިއްލަ ބިން އޮވެ، ގެދޮރު އިމާރާތްކުރުމަށް މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ލޯނު ސްކީމްތަކުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި 750 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ. ރައީސުލްޖުމްހޫރިއްޔާ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، އިކުއިޓީގެ ގޮތުގައި ދޫކުރާ މި ފައިސާއަކީ ރައްޔިތުން އަނބުރާ ދައްކަން ނުޖެހޭގޮތަށް ދޫކުރުމަށް ނިންމާފައިވާ ފައިސާއެކެވެ. މިއީ ގިނަ އާއިލާތަކެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.
މި ސިޔާސަތުގެ ދަށުން އިސްލާމީ ފައިނޭންސްގެ އުސޫލުން ލުއި ލޯނު ދޫކުރުމާއި، މާލީ އިދާރާތައް މެދުވެރިކޮށް ގެދޮރު ގަތުމަށާއި އެޅުމަށް ނަގާ ފެސިލިޓީތަކަށް އެހީތެރިވުމުގެ ޕްރޮގްރާމްތައްވެސް ކުރިއަށްދާނެއެވެ. މިގޮތުން ހިޔާވަހި ފައިނޭންސިން ފެސިލިޓީގެ ދަށުން މިހާރުވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް، %5 ގެ ޕްރޮފިޓް މާޖިންގައި 800 އަށްވުރެ ގިނަ ފަރާތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެ އިތުރުން، ރަށްރަށުގެ ހުސްބިންތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތައް ޤާއިމުކޮށް، ދިރިއުޅުމަށް ފަހި ވެއްޓަކަށް ހެދުމުގެ މަސައްކަތްތައްވެސް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހަލުވިކަމާއެކު ކުރިއަށްދާނެއެވެ. އަދި ބޯހިޔާވަހިކަމުގެ ދާއިރާއިން ފްލެޓް އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތަކެއްވެސް މިހާރު ދަނީ ހިންގަމުންނެވެ.