ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ވެސް ބެއްލެވީ ގައުމު ބަނގުރޫޓު ނުވެ ސަލާމަތް ކޮށްދެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެމީޑިއާއިން ގެނެސްދޭ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ އިގުތިސާދީ ގޮތުން ޑިފޯލްޓްވުމުގެ ތުންފަތްމަތީގައި ކަމަށެވެ. އަދި އޭރުގެ ހާލަތު ރަނގަޅަށް މެނޭޖުނުކުރެވުނު ނަމަ ދެތިން މަސް ދުވަހުގެ ތެރޭގައި ގައުމު ޑިފޯލްޓްވާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ ދަރަނި ކުޑަކޮށް، ގައުމުގެ ކްރެޑިޓް ރޭޓިން މަތިކުރުމުގައި ކާމިޔާބު ތިން އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ގްރޮސް ރިޒާވާއި ޔޫސަބަލް ރިޒާވް ބިލްޑްކޮށް، ރައްޔިތުންގެ ބޮލުގައި އެޅިފައި ހުރި ވަރަށް ގިނަ ދަރަނިތަކުން ސަލާމަތްކޮށްދީފައެވެ. ނަމަވެސް އެ މަސައްކަތްތަކާ އެކު މެދުއިރުމަތީގެ ހަނގުރާމައެއް ފެށިގެން ދިޔުމަކީ އިގުތިސާދަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވި ކަމެއް ކަމަށް ވިދާޅުވިއެވެ.
"މި ހަނގުރާމައަކީ އެއްވެސް ބަޔަކު އެންޓިސިޕޭޓްކޮށްފައި އޮތް ކަމަކަށްނުވާތީ އަދި ރާއްޖެ ފަދަ މެދުއިރުމަތި މެދުވެރިކޮށް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމަކަށް ވަރަށް ބޮޑު އިމްޕެކްޓެއް ކުރި ކަމެއް. އެނގިވަޑައިގަންނަވާނެ ފަދައިން ފަތުރުވެރިކަމަކީ އަޅުގަނޑުމެންގެ ޖީޑީޕީގެ އެންމެ ބޮޑު ކޮންޓްރިބިއުޓަރ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައިގެ އަސަރު އަދިވެސް އެކި ގޮތްގޮތުން ފެންނަމުންދާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ. ތެލަކީ ހުރިހާ ދާއިރާއެއްގެ ވެސް މައިބަދަ ކަމަށްވާއިރު، ތެލުގެ އަގުބޮޑުވުމުގެ ސީދާ އަސަރު ރައްޔިތުންނަށް ނުފޯރާނެހެން ހިފެހެއްޓުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި، މި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް މަޝްރޫއުތައް މެނޭޖުކޮށްގެން ކުރިއަށް ގެންދެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެއާއެކު ރާއްޖެއަށް އިންވެސްޓަރުން އައުމަށް އޮތް އިތުބާރު ބޮޑުވަމުންދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.