ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް ބަދޫރާ ސަޢީދު ޢައްޔަންކުރައްވައިފިއެވެ. މިއީ މި މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ބަދޫރާއަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމެވެ.
މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ބަދޫރާ ހުންނެވީ ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. 1988 ވަނަ އަހަރުން ފެށިގެން ޚާރިޖީ ޚިދުމަތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބަދޫރާއަކީ، ޕްރޮޓޮކޯލާއި، ކޮންސުލަރ އަދި ދޭދޭ ޤައުމުތަކުގެ ގުޅުންތަކުގެ ދާއިރާއިން ދިގު މުއްދަތެއްގެ މުއްސަނދި ތަޖުރިބާ ޙާޞިލުކުރައްވާފައިވާ ބޭކަނބަލެކެވެ.