ގްލޯބަލް އީކޯސިސްޓަމްސް އެޓްލަސްގެ ތަޖުރިބާ ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ގްލޯބަލް އީކޯސިސްޓަމްސް އެޓްލަސްގެ ތަޖުރިބާ ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކޮށްފި

ދުނިޔޭގެ ތިމާވެށީގެ ނިޒާމުތައް ދެނެގަތުމަށާއި ޗާޓުކުރުމަށް ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްގައި، "ގްލޯބަލް އީކޯސިސްޓަމްސް އެޓްލަސް" ގެ ފުރަތަމަ "ނޭޝަނަލް އެކްސެލެރޭޓަރ" ގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ކާމިޔާބު ތަޖުރިބާ ހިއްސާކޮށްފިއެވެ.

މި ތަޖުރިބާ ހިއްސާކުރައްވާފައިވަނީ "ފްރޮމް ދަ ގްލޯބަލް ރިވިއު ޓު ނޭޝަނަލް އެކްޝަން: ކްލޯޒިން ދަ އީކޯސިސްޓަމް މެޕިންގް ގެޕް ވިތް ދަ ގްލޯބަލް އީކޯސިސްޓަމްސް އެޓްލަސް" ގެ ނަމުގައި ބޭއްވި ޚާއްޞަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަދެއްކެވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑައިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އެވެ.

ޝާންގެ ވާހަކަފުޅުގައި، ރާއްޖޭގެ ޤައުމީ ފެންވަރުގެ އީކޯސިސްޓަމް ޗާޓެއް އެކުލަވާލުމަށްޓަކައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވިއެވެ. އެގޮތުން، އާތު އޮބްޒަވޭޝަން ނުވަތަ ސެޓެލައިޓް ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަމުންދާ ގޮތް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި މުހިންމު މަސައްކަތުގައި ރާއްޖޭގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަންނީ ޢިލްމާއި، ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ އެއްބާރުލުމާއެކު ހޯދިފައިވާ އަގުހުރި ކުރިއެރުންތަކަށް ޝާން އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ ޗާޓެއް އެކުލަވާލުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމަށް ގައުމީ ފެންވަރުގައި ނިންމާ ނިންމުންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އީކޯސިސްޓަމްތައް ދެނެގަތުމުގައި ހުރި ހުސްކަން ފުރާލައި، ގައުމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުމުގެ މަގުސޫދުގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން