ފައިސާގެ ދަތިކަމަށް ﷲ ގެ ހަޟްރަތުން އޮތް ޙައްލު!: ޝައިޚް މުހައްމަދު ބާޖޫރު

ކިޔުމަށް ހޭދަވާނީ 3މ 12ސ
ފައިސާގެ ދަތިކަމަށް ﷲ ގެ ހަޟްރަތުން އޮތް ޙައްލު!: ޝައިޚް މުހައްމަދު ބާޖޫރު

ޢާއިޝަތު ރަފާޙް ޢަލީ

 

މާލީ ދަތިކަމެއްގެ ތެރޭގައި އުޅެމުންދާ ކޮންމެ މީހަކަށްމެ، މި ޙައްލަކީ އަހަރެން ދޭ ޙައްލެއް ނޫނެވެ. އެއީﷲ ތަޢާލާ ދެއްވާފައިވާ ޙައްލެކެވެ. ވަޒީފާ ގެއްލިފައިވާ މީހެއް ކަމުގައިވިޔަސް، ވިޔަފާރިން ގެއްލުންވެގެން އުޅޭ މީހެއް ކަމުގައިވިޔަސް، ކުލި ނުދެއްކިގެން އުޅޭ މީހެއް ކަމުގައިވިޔަސް، އަދި ކޮންމެ ކަހަލަ މާލީ ދަތިކަމެއްގައި އުޅޭ މީހެއް ކަމުގައިވިޔަސްމެއެވެ. 

ﷲ سُبْحَانَهُ وَ تَعَالَى އަޅުގަނޑުމެންނަށް އަންގަވާފައިވަނީ އެމީހެއްގެ ރިޒުޤު ދަތިކުރައްވައިފި މީހާ (އެބަހީ: ރިޒުޤު ކުޑަވެއްޖެ މީހާ)، ﷲ އެމީހަކަށް ދެއްވާފައިވާ އެއްޗަކުން ހޭދަކުރުމަށެވެ.

މިތަނުގައި، މިއީ ވަރަށް ޙައިރާންކުރުވަނިވި ކަމެއްގެ ގޮތުގައި ހީވެދާނެދޯއެވެ؟ "އޭ ﷲ! ތިމަންނާ މިހުރީ މުޅިން ހުސްވެފައެވެ. ތިމަންނާ މި އުޅެނީ ވަރަށް ދަތިހާލުގައެވެ. ތިމަންނާގެ އަތުގައި އޮތީ އެންމެ 200 ޑޮލަރެވެ. މާދަމާ ދައްކަންޖެހޭ ކުއްޔަކީ 2,000 ޑޮލަރެވެ. އަދި އިލާހު ތިމަންނާއަށް ތި އަންގަވަނީ ހޭދަކުރާށޭ ހެއްޔެވެ؟" 

އާނއެކެވެ. އޭ ﷲ! ކިހާވަރެއް ހޭދަކުރަންވީ ހެއްޔެވެ؟ ތިމަންނާ ކިހާވަރެއް ހޭދަކުރަންޖެހޭނެ ހެއްޔެވެ؟ 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 286 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ

މާނައީ: اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ.  

ކޮންމެ މިންވަރެއްވެސް އެންމެ ރަނގަޅެވެ. ކުޅަދާނަވީ މިންވަރެކެވެ. މުހިންމީ އެހޭދަކުރާ އަދަދެއް ނޫނެވެ. ރަނގަޅަށް އަޑުއަހާށެވެ! މުހިންމީ އަދަދެއް ނޫނެވެ. މުހިންމު ކަމަކީ ތިބާ ﷲ ތަޢާލާއަށް އިތުބާރުކުރި ކަމެވެ. 

ﷲ ތަޢާލާ ޠަލާޤް ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا ‎﴿٣﴾‏

މާނައީ: އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ. (3) 


- ޝައިޚް މުހައްމަދު ބާޖޫރުގެ ދަރުސަކުން

- މިއަދުނޫސް

 

މިއަދު އޮންލައިން