މާމައެއްގެ އަގުހުރި ނަޞީޙަތް-: އަންހެނަކު މިއިންކަމެއް ކޮށްފިނަމަ ކަރުނައަޅަން ނުޖެހިނުދާނެ 4 ކަމެއް!
ދަރިފުޅާއެވެ! މާމަގެ ނަޞީޙަތް އަޑުއަހާށެވެ! ކައިވެނީގެ ބޭރުން ހަމައެކަކާއެކުވެސް ނުނިދާށެވެ! ޚާއްޞަކޮށް މީހެއްގެ ފިރިއަކަށް އިތުބާރުނުކުރާށެވެ! އަނބިމީހާއަށް ބޭވަފާތެރިވި މީހަކު އެހެން އަންހެނަކަށް ވަފާތެރިއެއް ނުވާނެއެވެ. މީހެއްގެ ފިރިއަކާއި ގުޅެން ބޭނުންވާނަމަ ދީނުގައި އޮތް ރިވެތި މަގުން ކައިވެނިކޮށްގެން ކުރިއަށް ގެންދާށެވެ.
ދަރިފުޅާއެވެ! ދަރިފުޅަށް ހިތްހަމަޖެހުން ހޯދަން އެހެން އަންހެނަކަށް ދެރައެއް ނުދޭށެވެ! އޭނާ ފަދައިން ދަރިފުޅަށްވެސް ކަރުނައަޅަން ނުޖެހިނުދާނެކަން ޔަޤީންކުރާށެވެ!
ދަރިފުޅާއެވެ! ލިބިދާނެ މަދު ފައިސާކޮޅަކަށް ޢިއްފަތްތެރިކަން ވިއްކައިނުލާށެވެ! އެކަމަށް ކަރުނައަޅަން ނުޖެހިނުދާނެއެވެ. އެއީ ކުރެވުނު ކުށެއްކަން އިޙްޞާޞްވާ ދުވަހުން ފެށިގެން އޮންނާނީ ޢުމުރަށް ހިތާމަކުރަންޖެހިފައެވެ.
ދަރިފުޅާއެވެ! ލޯބީގައި މޮޔަނުވާށެވެ! ދެވިނުހިފާށެވެ! އެއިރުން ދަރިފުޅުގެ ކޮންޓްރޯލް ދަރިފުޅަށް ގެންލިގެންދާނެއެވެ. ދަރިފުޅުވާނީ ލޯބީގެ އަޅަކަށެވެ. ގިނައިން ކުރެވޭނީ ތިމާއަށް ގެއްލުންހުރި ކަންކަމެވެ. ރަނގަޅަށް ވިސްނާށެވެ! އެއްވެސް ކަމަކަށް ދެވިހިފައިފިނަމަ އެމީހަކު ވާނީ އެކަމެއްގެ އަޅަކަށެވެ.
ދަރިފުޅާއެވެ! އެއްވެސް ފިރިހެނަކާހުރެ އަންހެނަކާ ހަނގުރާމަ ނުކުރާށެވެ! މައްސަލައަކީ އެއަންހެން މީހާއެއް ނޫނެވެ. ފިރިހެން މީހާއެވެ. އޭނާ ދަރިފުޅުދެކެ ލޯބިވާނަމަ އިތުރު އަންހެނަކާ އެއްވެސް ގުޅުމެއް ބާއްވާކަށް ނުޖެހޭނެއެވެ. ހުންނާނީ ދަރިފުޅާއިއެކުގައެވެ.
މިއީ މާމައަކު އޭނާގެ އަންހެންދަރިފުޅު ފުރާވަރަށް އެރުމުން ދީފައިވާ ނަޞީޙަތެކެވެ. އަޅުގަނޑު ބުނާނީ މިއީ ކޮންމެ އަންހެނަކަށްވެސް ވަރަށް އަގުހުރި ނަޞީޙަތެއް ކަމަށެވެ. ހަމަ ޙަޤީޤަތުގައިވެސް އަހުރެމެން އަންހެނުންނަށް ގިނަ ފަހަރު ދެރަ ލިބެނީ މިކަންކަމަށް ވިސްނައިނުލެވޭތީއެވެ.
- ޝާހިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް