މަރްޔަމް ސާޖިދާ
އަހަރަމެން އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. ނިޢުމަތަކީ އިންސާނާގެ ދިރިއުޅުމަށް ބޭނުންވާ، ނުވަތަ އެއިން އިންސާނާއަށް ލާބަޔާއި، މަންފާއާއި، ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ކޮންމެ ހެޔޮ އެއްޗެކެވެ.
ނަމަވެސް، ގިނަ ފަހަރަށް ނިޢުމަތޭ ބުނުމުން އަހަރަމެނަށް ވިސްނެނީ، ނިޢުމަތަކީ ހަމައެކަނި މުދަލާއި ފައިސާއާއި އެހެނިހެންވެސް އަގުބޮޑު ތަކެތި ކަމުގައެވެ. ނަމަވެސް އަހަރަމެނަށް ވަރަށް އާދައިގެ ކަންކަން ކަމުގައި ހީވާ ކަންތައްތަކަކީވެސް އަހަރަމެނަށް ލިބިފައިވާ ވަރަށް ބޮޑެތި ނިޢުމަތްތަކެވެ. ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ރީތި ސިފައަކީ އަހަރަމެންގެ ދަރިންގެ ކިބައިގައި އެންމެ ތުއްތު އިރުއްސުރެ ހަރުލެއްވުމަށް މަސައްކަތްކުރަންޖެހޭ ސިފައެކެވެ.
އަޅުގަނޑުމެނަށް ހިލޭ ލިބިފައިވާ އެންމެ އާދައިގެ ކަންކަމަށް ޝުކުރުވެރިވުން:
އަހަރަމެންގެ ދަރިންނަށް އެންމެ ފުރަތަމަ ދަސްކޮށްދެންވީ އަދި އަހަރަމެންވެސް ޝުކުރުވެރިވާންވީ އަހަރަމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ޙިދާޔަތުގެ ނިޢުމަތް ދެއްވިކަމަށްޓަކައެވެ.
އެއަށްފަހު މިނިވަން ޖައްވެއްގެ ފަޒާގެ ތެރެއަށް ނޭވާލާ ދިރިއުޅުމުގެ ނަޞީބު ލިބުމަކީ ކިހާ ބޮޑު ނިޢުމަތެއްކަން އަމިއްލައަށް ވިސްނާލައްވާށެވެ. އަހަރެމެންގެ އަޚުންނާއި އުޚުތުން ޣައްޒާގައި ދިރިއުޅެމުން އެދަނީ ކޮންފަދަ ނިކަމެތި ހާލެއްގަތޯއެވެ. ނަމަވެސް، މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން އަހަރަމެން އަމިއްލަ ގެދޮރުގައި، އަރާމު ތަންމަތީގައި ނިދާ، އާއިލާ އާއިއެކީ އުފާވެރި ވަގުތުތައް ހޭދަކުރަމުން މިދަނީ ނުހަނު އުފަލާއެކުގައެވެ. މިއަށްވުރެ ވަކިބޮޑު ނިޢުމަތެއް ކޮބައިތޯއެވެ.
ދަރިފުޅަށް ވިސްނައިދޭށެވެ. ނޭވާލުމަށް ލިބޭ ސާފު ވައިރޯޅިއާއި، ދުނިޔެއަށް ލިއްބައިދޭ އިރުގެ އަލިކަމާއި، ކަރުހިއްކުން ފިލުވައިދޭނެ ސާފު ބޯފެން ބުއިނަމަވެސް ކަރުހިއްކުން ފުލުވައިލުމަކީ ފައިސާއިން ގަނެވޭނެ ކަންކަމެއް ނޫނެވެ.
އަމިއްލަ ހަށިގަނޑަށް ބަލާލިނަމަވެސް ހައްތަހާވެސް ﷲ ތަޢާލާ ދެއްވާފައިވާ ގުނާ އަދަދު ނުކުރެވޭހާ ނިޢުމަތްތަކެވެ. ބިރުވެރިކަމެއް ނެތި ރޭގަނޑުގެ ހަމަ ނިދި ލިބުމެވެ. ރަޙުމަތްތެރި ކުދިންނާއި އެކު ކުޅެންގޮސް ހޭދަކުރާ ވަގުތެވެ. މިއީ ހައްތަހާވެސް އަހަރަމެނަށް ދެއްވާފައިވާ ނިޢުމަތްތަކެވެ. ނަމަވެސް ގިނަފަހަރަށް އެކަންކަމާއިމެދު ވިސްނާ ނުލެވޭ ކަންކަމެވެ.
އެހެންކަމުން، ކުދިންނަށް އެންމެ ފުރަތަމަ ވިސްނައިދޭންވީ 'ނިޢުމަތް' މާނަކުރާގޮތެވެ. ގިނަފަހަރަށް ކުދިންނަށް ހީވަނީ، ނިޢުމަތަކީ އަގުބޮޑު ކުޅޭއެއްޗެއް، އައު ހެދުން ނުވަތަ އެނޫންވެސް އެހެން އެއްޗެއް ކަމުގައެވެ. ނަމަވެސް، ޙަޤީޤަތަކީ އަސްލު ނިޢުމަތަކީ ދިރިއުޅުމުގެ އެންމެ އާދައިގެ ކަންކަންކަމުގައި އަހަރަމެން ހީކުރާ ކަންތައްތަކެވެ.
سورة سبإ ގައި ﷲ ތަޢާލާ ވަޙިކުރައްވާފައިވަނީ އިންސާނުންނަކީ ޝުކުރުވެރިވުން ކުޑަބައެއްގެ ގޮތުގައެވެ. "...(އެކަލާނގެއަށް) شكر ވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) عمل ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ. (13)"
ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް އިތުރުވެގެންދެއެވެ. އެހެންކަމުން، ޝުކުރުވެރިވުމުގެ މާތް ސިފަ ކުދިންގެ ކިބައިގައި އަށަގަންނުވައިފިނަމަ، ދިރިއުޅުމުގެ ކޮންމެ ޙާލަތެއްގައިވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާނެއެވެ. އަހަރަމެން އެންމެންވެސް ވާންވީ، ލިބިފައިވާ ނިޢުމަތްތަކާއިމެދު ވިސްނާ ފިކުރު ހިންގާ، ދަރިންނަށް އެކަންކަން ބުނެދީ ބަހާއި އަމަލުން ޝުކުރުވެރިވާ ބައެއް ކަމުގައެވެ.
- މިއަދުނޫސް