ﷲ އަށްޓަކާ ނިކަމެއްޗަކަށް އާދައާ ޚިލާފް ގޮތަކަށް ވަޒީފާއެއް ދިނުމުން ބޮޑު ކުރިއެރުމެއް ލިބުނު މީހެއްގެ ވާހަކަ- ތަނަވަސްކަން އިތުރުވުމަށް އެދޭ އެންމެންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ﷲ އަށްޓަކާ ނިކަމެއްޗަކަށް އާދައާ ޚިލާފް ގޮތަކަށް ވަޒީފާއެއް ދިނުމުން ބޮޑު ކުރިއެރުމެއް ލިބުނު މީހެއްގެ ވާހަކަ- ތަނަވަސްކަން އިތުރުވުމަށް އެދޭ އެންމެންނަށް އަގުހުރި ފިލާވަޅެއް!

އެއްދުވަހު އޭނާ އޮފީހުގައި އިންދާ އައިސް ބައްދަލުކުރި މީހަކު ބުންޏެވެ. "އަހުރެން މިއައީ ސަލާންޖަހާކަށް ނޫނެވެ. ކޮންމެވެސް ވަޒިފާއެއް ދޭތޯއެވެ. އަޅުގަނޑަކީވެސް މަސައްކަތްކޮށްގެން އުޅެމުން އައި މީހަކީމެވެ. އަނބިމީހާ ނިޔާވިއިރު ކުޑަ 3 ދަރިން ތިބެފައި ބަލައިދޭނެ މީހަކު ނެތުމުން ކުދިން ބަލަން ހަދައިގެން ވަޒީފާ ގެއްލުނީއެވެ. އަތުގައި ހުރި ފައިސާކޮޅު ޚަރަދުކުރަމުންގޮސް ހުސްވެއްޖެއެވެ. މިއަދުވެސް ކުދިން ތިބީ ނުކައެވެ. ކުދިން އެތެރެއަށްލައި ގެތަޅުލާފައި ނަމަވެސް މަސައްކަތު ނުނުކުމެ ހުރެވޭކަށް ނެތެވެ."

އޭނާގެ ފެންވަރު ބެލުމަށްފަހު މާދަމާ ވަޒީފާއަށް ނުކުތުމަށް ބުންޏެވެ. އަދި އަތަށް 2000 ރުފިޔާ ދީފައި ބުންޏެވެ. "މާދަމާ ވަޒިފާއަށް ނުކުތަސް މިއަދުން ފެށިގެން ތިއަހުރީ އަހުރެންގެ ވަޒީފާގައެވެ. މިއަދު ކުރަންޖެހޭ މަސައްކަތަކީ ގެއަށް ބޭނުންވާ ކާބޯތަކެތި ގަނެގެންގޮސް ކުދިންނަށް ރަނގަޅަށް ކާންދިނުމެވެ. މާދަމާ އައިސް ބައްދަލުކުރީމާ މާދަމާ ކުރާނެ މަސައްކަތްބުނާނަމެވެ."

އަނެއް ދުވަހު އައުމުން ބުންޏެވެ. "އެކުވެރިޔާއެވެ! މިހާރު ތިއަހުރީ ފުރިހަމަ މުވައްޒިފަކަށްވެފައެވެ. ހެނދުނު އައިސް ކާޑުޖެހުން ނޫން މަސައްކަތެއްކުރާނެކަމެއް ނެތެވެ. ކާޑުޖަހާފައި ގެއަށްގޮސް ދަރިން ބަލަން ހުންނާށެވެ. އަހުރެންނަށް ކަމަކު ބޭނުންވެއްޖިއްޔާ އަންގައިލާނަމެވެ."  

ވެރިމީހާ އެހެން ބުނުމުން ކުރީ ދުވަހު ފަދައިން ވެރިމީހާއަށް ހެޔޮދުޢާކޮށްފައި އޭނާ ދިއައީއެވެ. ވެރިމީހާގެ ނިޔަތަކީ ޙާލުގައިޖެހިފައި ތިބި 3 ކުދިންނަށް އެހީތެރިވުމެވެ. ކުދިންގެ ބައްޕަގެ މުސާރައިގެ ގޮތުގައި އޭނާ ހޭދަކުރާ ޢަދަދަކީ އޭނާ އެކުވެރިންނާއިއެކު ކެއުމަށް ކުރާ ޚަރަދުގެ ކުޑަ މިންވަރެކެވެ. ވީމާ އެކަމުން އޭނާއަށް އެއްވެސް ތަކްލީފެއް ނުޖެހެއެވެ.  

ދެން މިބުނަނީ އެކަމުގެ ނަތީޖާ އޭނާ އާއި ބައްދަލުކުރި ގޮތެވެ. ހަފްތާއެއްވެސް ނުވަނީސް އެހައިތަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު މަސައްކަތް ލިބުނެވެ. 7 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. އެއީ ކުރިމަތިލުމުން އޭނާއަށް ނުލިބޭނެކަމަށް އަންގާފައިވެސް އޮތް މަސައްކަތެކެވެ. އެއީ އަގުހުށަހެޅުމުގައި 3 ވަނަ ލިބިފައިވާތީއެވެ.  

އަޅުގަނޑުގެ އެކުވެރިޔާއަށް މެދުވެރިވި ގޮތް މިކިޔައިދިނީ އެންމެންނަށް ޢިބްރަތަކަށެވެ. ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުންނަށް އެހީތެރިވެދިނުމަށް ހިތްވަރަކަށެވެ. އަޅުގަނޑަކީ ޝައިޚަކަށް ނުވިޔަސް ބަހެއް ބުނެލަން ބޭނުމެވެ. އެއީ އެހެން މީހުންނަށް އެހީތެރިވާ މީހާއަށް އެހީތެރިވެވޮޑިގަތުގައި ﷲ ދެމިވޮޑިގެންވާނެކަމަށް އޮންނަ ބަސްފުޅެވެ.

 

- ޝަހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން