މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިއަހަރުގެ ނިޔަލަށް އިތުރު 7 އައިސްޕްލާންޓެއް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން، ރާއްޖޭގައި އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަޝްރޫޢުތަކެއް ފަށައި، ހަލުވި ދުވެލީގައި ކުރިއަށްދާކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް މިހާތަނަށް ކުރެވިފައިވާ އަދި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް 5 އައިސްޕްލާންޓެއްގެ މަސައްކަތް ނިންމައި، ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އިތުރު 7 ރަށެއްގައި އައިސްޕްލާންޓް ޤާއިމުކޮށް ނިންމުން ކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ 7 އައިސްޕްލާންޓް:
މ. ވޭވަށް - 60 ޓަނު ޅ. ނައިފަރު - 40 ޓަނު ލ. މާބައިދޫ - 25 ޓަނު ލ. މާވަށް - 10 ޓަނު ލ. ހިތަދޫ - 10 ޓަނު އއ. އުކުޅަސް - 5 ޓަނު ބ. ކުޑަރިކިލު - 5 ޓަނު
ވަޒީރު އަޙްމަދު ޝިޔާމް އިތުރަށް ވިދާޅުވީ، މިއަހަރުގެ ނިޔަލަށް މި 7 އައިސްޕްލާންޓް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މީގެ ތެރެއިން ބައެއް ޕްލާންޓްތަކުގެ ޢަމަލީ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ބައެއް ޕްލާންޓްތަކުގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަރުޙަލާގައިވާ ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި މަޝްރޫޢުތައް ނިމުމުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް އައިސް ހޯދުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.